ބިޑް ޕްރޮޕޯސަލްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބަލައިގަތުމަށް "ބީލަން ޕޯޓަލް" އިފްތިތާހުކޮށްފި އެވެ.
މި ޕޯޓަލް އިފްތިތާހު ކުރެއްވުމަށް ފަހު، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މި ޕޯޓަލް ފަރުމާކުރެވިފައިވަނީ ބީލަންވެރިން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން ބިޑް ހުޅުވުމުގެ ވަގުތާއި ހަމައަށް ހިފެހެއްޓޭނެގޮތަށް ކަމަށެވެ.
މީގެ އިތުރުން މި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ބޭރު ގައުމުތަކަށް ނިސްބަތްވާ ބީލަންވެރިން ވެސް އިސްތިސްނާވެގެން ނުވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އެންމެ ބޮޑު އެއް އަމާޒަކީ ފަންޑު ދޭ އެޖެންސީތަކުގެ ޕްރޮކިއުމަންޓްތަކުގައި މި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުންކަމަށް ވެސް މިނިސްޓަރ އަމީރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބީލަންތައް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށްއެދި ބީލަންވެރިންނާއި ދައުލަތުގެ އޮފީސްތަކުން ތަކުރާރުކޮށް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ.
" އެންމެ ބޮޑު އެއް އަމާޒަކަށް ވެގެން ދިޔައީ އިލެކްޓްރޯނިކް ނިޒާމަކުން ބިޑް ބަލައިގަތުމުގެ ކަންކަން ހަމަޖެއްސިގެންދާއިރު ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމްގެ މަޤްސަދު ހާސިލްވާނޭހެން އަދި ފަސޭހަގޮތަކަށް ބީލަންވެރިންނަށް ޕްރޮޕޯސަލް ހުށަހެޅޭނެހެން މިކަންކުރުމުގެ މަގު ފަހިކޮށްދިނުން." އަމީރު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ޕްރޮކިއުމަންޓްގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަކީ ޕްރޮކިއުމަންޓާއި އޭގެ ސިޔާސަތުތަކުގެ މުހިއްމުކަން ދަނެގެން އެ މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް ޚާއްސަ ޓްރެއިނިންގ ޕްރޮގްރާމެއް އެކުލަވާލަމުންދާ ކަމަށެވެ.
މި ޕްރޮގްރާމަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އާއި ގުޅިގެން އެކުލަވާލާ ޕްރޮގްރާމެއް ކަމަށް ވެސް ފިނޭންސް މިނިސްޓަރ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް