ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %50 ނިމިއްޖެ ކަމަށް އެމަސައްކަތް ކުރިއަށް ގެންދާ ކުންފުނި ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މަޢުލޫމަތު ދެއްވައިފިއެވެ.
އެގޮތުން އެމްޓީސީސީން ވިދާޅުވީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ނެރު ފުން ކުރުމުގެ %91 މަސައްކަތް ނިމިފައިވާ ކަމުގައެވެ. އަދި ބަނދަރު ފުން ކުރުމުގެ މަސައްކަތް ކުރަމުންދަނީ އެ ކުންފުނީގެ ފްލީޓްގެ އެންމެ ބޮޑު އެކްސްކަވޭޓަރ ބޭނުންކޮށްގެން ކަމުގައި އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.
މި މަޝްރޫޢުގެ ދަށުން، 39،995 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި،1800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ބޭނުން ކުރަމުންދާ ހާބަރ ބޭސިން ފުންކުރުމާއި، 4000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުން ކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި 507 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން، 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 32.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް