އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފި

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަސްދީގު ކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރައްވާފަ...

06 Dec 2021 | 11:14

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަސްދީގު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރައްވާފައިވަނީ މިއަދު އެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/19) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މިދިޔަ ނޮވެންބަރު 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިޞްލާޙުގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުރި ބައެއް ނަމްބަރުތައް އުނިކުރުމަށް ހުށަހަޅާފައިވެއެވެ. މި ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ)ގެ ދަށުން ހުރި ނަމްބަރުތަކުގައި ވަނީ އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢޫލޫމާތުތަކެވެ.

މީގެ އިތުރުން މި ޤާނޫނުގެ 8ވަނަ މާއްދާގެ (ށ)ގައި، މި ޤާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރެޖިސްޓްރީކުރެވޭނެ މުއްދަތުކަމަށް ބަޔާންކޮށްފައިވާ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތު މި އިޞްލާޙުގައި 10 (ދިހައެއް) އަހަރަށް ބަދަލުކޮށްފައިވެއެވެ. އަދި އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓްރީ އައު ކުރުމަށް ޤާނޫނުގައި ދީފައިވާ މުއްދަތު 90 (ނުވަދިހަ) ދުވަހުން، 1 (އެކެއް) އަހަރު ދުވަހަށް އިތުރުކޮށްފައިވެއެވެ.

މި ޤާނޫނަށް ގެނެވުނު އިސްލާޙުގައި، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ވިޔަފާރިއެއް ހިންގުމަކީ، މި ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްދީފައިވާ އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓްރީ ބާޠިލުކުރެވިދާނެ ޙާލަތެއްކަމަށް ބަޔާންކޮށްފައި ވެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/19) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި ބަޔާންކޮށްފައިވާ އިޞްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިޞްލާޙުކުރަންޖެހޭ ގަވާއިދުތައް، މި މިބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހެ އެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފަ އެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް