ސަރުކާރާ ދެކޮޅުވެ، ކޯވިޑް ގަވައިދުތަކާ ހިލާފުވުމުން ސޫޗީ ހަތަރު އަހަރަށް ޖަލަށް

މިއަންމާގެ ޑިމޮކްރެޓިކް ބާނީ އަންސަން ސޫޗީ ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ. ބަޣާވާތަކުން ސޫޗީގެ ވެރިކަން މިއަންމާ އަސްކަރިއްޔާއިން ވައްޓާލީ މިއަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ. ވ...

06 Dec 2021 | 09:28

މިއަންމާގެ ޑިމޮކްރެޓިކް ބާނީ އަންސަން ސޫޗީ ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.

ބަޣާވާތަކުން ސޫޗީގެ ވެރިކަން މިއަންމާ އަސްކަރިއްޔާއިން ވައްޓާލީ މިއަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ. ވެރިކަން ވައްޓާލުމަށް ފަހު މިހާތަނަށް ސޫޗީ ހުރީ ހައްޔަރުކޮށްފަ އެވެ.

މިއަންމާގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވީ ސޫޗީ ޖަލަށްލީ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރުމާއި ކޯވިޑް-19 ގައިޑްލައިނާއި ހިލާފުވެގެން ކަމަށެވެ. އޭގެން ކޮންމެ ކުށަކަށް އިއްވާފައިވަނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.

ސޫޗީގެ އިތުރުން މިއަންމާގެ ކުރީގެ ރައީސް ވިންގް މިންޓުވެސް މި ކުށްތަކުގައި ހަތަރު އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވެ އެވެ. އެ ދެކަމަކު އެ ދެބޭފުޅުން އަދި ޖަލަށް ބަދަލުކޮށްފައެއް ނުވެ އެވެ.

ސޫޗީގެ މައްޗަށް ސާބިތުވި އެއް ހުކުމަކީ މިދިޔަ އަހަރުގެ އިންތިޚާބުގެ ކެމްޕޭނުގައި ސަޕޯޓަރުންގެ ގްރޫޕަކަށް އެކަމަނާގެ އަތުގެ އިޝާރާތުން ސަލާމް ކުރުމެވެ. އޭރު އެކަމަނާ ހުންނެވީ މާސްކް އަދި ފޭސް ޝީލްޑް ވެސް އަޅުއްވައިގެންނެވެ. އެކަމަކު އަސްކަރީ ސަރުކާރުން ނިންމީ ސޫޗީ ކޯވިޑުގެ ގަވާއިދާ ޚިލާފުވި ކަމަށެވެ. އަނެއް ކުށަކީ އަސްކަރީ ބަޣާވާތާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައި ބަޔާނެއް ނެރުއްވުމެވެ.

ކޯޓުގައި ސޫކީގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތުގެ ތަފްސީލް ހާމަ ކުރުން އެކަމަނާގެ ވަކީލުންނަށް ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުންވެސް ގިނަ ދައުވާތަކެއް ސޫޗީ އާއި ދެކޮޅަށް ކުރުމަށް މިއަންމާ އަސްކަރީ ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ސޫޗީގެ ސަރުކާރު ބަޣާވާތަކުން ވައްޓާލީ މިދިޔަ އަހަރުގެ ނޮވެމްބަރު ބޭއްވި މިއަންމާގެ އާންމު އިންތިހާބުގައި ސޫޗީ މަކަރު ހެއްދެވި ކަމަށް ބުނެ އެވެ. އެ އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރީ ސޫކީގެ އެންއެލްޑީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް