މާންދޫ ރަން ޑިސެމްބަރ 31 ގައި ބާއްވަން ނިންމައިފި - އިތުރު ދުވުންތެރިންނަށް ބައިވެރިވުމުގެ ފުރުސަތު އެބައޮތް

ހައްދުންމަތީ މާންދޫގައި ބޭއްވުމަށް ނިންމާފައިވާ "މާންދޫ ރަން" މި ޑިސެމްބަރ މަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެފި އެވެ. ދުވަސްއެމްވީއަށް މައުލޫމާތު ދެއްވަމުން އަބުދުލް މާޖި...

06 Dec 2021 | 07:55

ހައްދުންމަތީ މާންދޫގައި ބޭއްވުމަށް ނިންމާފައިވާ "މާންދޫ ރަން" މި ޑިސެމްބަރ މަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެފި އެވެ.

ދުވަސްއެމްވީއަށް މައުލޫމާތު ދެއްވަމުން އަބުދުލް މާޖިދު ވިދާޅުވީ މާންދޫ ރަން 2021" ބޭއްވުމަށް މިހާރުނިންމާފައިވަނީ މި ޑިސެމްބަރ މަހުގެ 31 ވާ ހުކުރު ދުވަހު ކަމަށެވެ.

އެހެންކަމުން މި ރަން ގައި އިތުރަށް ބައިވެރުވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު 17 ޑިސެމްބަރ 2021 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.

މާންދޫރަން ފަސްކުރުމާއި ގުޅިގެން ރަންގައި ބައިވެރިވެފައިވާ އެންމެހައި ފަރާތްތަކާއި ސްޕޮންސަރުންނަށް ދިމާވި އެންމެހައި ދަތިތަކަށް އިންތިޒާމު ޓީމުގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދޭ ކަމަށާއި އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 7796466 ފޯނުން އަބުދުލް މާޖިދަށް ގުޅުމަށް ވަނީ އެދިފަ އެވެ.

މި ރަން ބާއްވާ ތާރީޚް މީގެކުރިން ދެފަހަރެއްގެމަތީން ވަނީ ފަސްކުރެވިފަ އެވެ. އެއީ އެ އަތޮޅުގައި ކޮވިޑުގެ ހާލަތު ހުރިގޮތުން އެފަދަ ދުވުމެއް ބޭއްވުމަކީ އެންމެއެދެވޭގޮތް ކަމުގައި ނުވާތީ އެވެ.

ހޮރައިޒަން ފިޝަރީޒްގެ 18 ވަނަ އަހަރީ ދުވަހާއިގުުވައިގެން ބާއްވަން ނިންމާފައިވާ މި ދުވުމުގައި 5 ކިލޯ މީޓަރާއި 10 ކިލޯ މީޓަރު އަދި ހާފް މެރަތަން (21 ކިލޯ މީޓަރު) ވަނީ ހިމަނާފަ އެވެ. އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން “ފަން ރަން” ގެ ނަމުގައި ޚާއްސަ ދުވުމެއް ވެސް ބާއްވަން ވަނީ ނިންމާފަ އެވެ.

މާންދޫ ގޭޓުން ފަށާ އަދި އެ ގޭޓު ކައިރިޔަށް ނިންމާގޮތަށް ހަމަޖެހިފައިވާ މި ދުވުމުގައި މިހައިތަނަށް ތިންސަތޭކައަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ހިތްވަރު ދިނުމަށް ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) ބައިވެރިވާނެ އެވެ. އޭނާއަކީ ދުވުމުގައި ޚާއްސަކޮށް ދިގު ދުވުމުގައި ރާއްޖޭގެ އެތައް ރެކޯޑެއް ހަދާ، އޮލިމްޕިކްސް ގައި ރާއްޖެ ދެފަހަރު ތަމްސީލު ކުރައްވާފައިވާ ފަރާތެކެވެ. އަދި އޮލިމްޕިކްސްގައި 3 ފަހަރު ރާއްޖެ ތަމްސީލުކޮށްފައިވާ ކުރީގެ ބާރު ދުވުންތެރިޔާ އަދި ފިޒިކަލް ޓްރެއިނަރ އަހްމަދު ޝަފީގު (ރިވަރިން) ވެސް ބައިވެރިވާނެ އެވެ.

މި ދުވުން ނިންމާ ކޮންމެ ބައިވެރިއަކަށް މެޑެލް ދިނުމަށް ވަނީ ނިންމާފަ އެވެ. މި ދުވުން ކުރިއަށް ދާނީ އެޗްޕީއޭގެ ގައިޑް ލައިނާ އެއްގޮތަށް ކަމަށް އެ ފަރާތުން ބުނެ އެވެ.

“މާންދޫ ރަން” ގެ މީޑިއާ ޕާޓްނަރއަކަށް ހަމަޖައްސާފައިވަނީ ދުވަސްއެމްވީ އެވެ.

ދުވަސްއެމްވީ އިން މީގެ ކުރިން ވެސް ވަނީ މިފަދަ ހަރަކާތްތަކުގައި އެކި ހަރަކާތްތަކުގައި މީޑިއާ ޕާޓްނަރގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.

އެގޮތުން ހދ. ހަނިމާދޫގައި 12 ފެބްރުއަރީ 2016 ގައި ބޭއްވި މޫދު ކުޅިވަރު ހަރަކާތްތަކެއްގެ މީޑިއާ ކަވަރޭޖު ހަދާފައިވާ އިރު، މިއަހަރުގެ އޯގަސްޓު މަހު ބ. ދަރަވަންދޫގައި ބޭއްވި “ދަރަވަންދޫ ފުޓްސަލް ފިއެެސްޓާ 2021ގެ” އޮންލައިން މީޑިއާ ޕާޓްނަރގެ ގޮތުގައި ވެސް ދުވަސްއެމްވީ ވަނީ ހަރަކާތްތެރިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް