މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ ޗެމްޕިއަންކަން ކޭވައިއާރްސީ ބަލިކޮށް ކްލަބް ގްރީން ސްޓްރީޓްސް ހޯދައިފި އެވެ.
އެޓީމުން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ކޭވައިއާރްސީ ބަލިކޮށްފަ އެވެ.
މި މުބާރާތުގައި އެންމެވަރުގަދަ ޓީމުގެ ގޮތުގައި ފާހަގަކުރެވުނު ކޭވައިއާރްސީގެ މައްޗަށް ފައިނަލުގައި ގްރީން ސްޓްރީޓްސް އިން ކުރި ހޯދީ 52 ޕޮއިންޓު 32 ޕޮއިންޓުން ނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކްލަބް ގްރީން ސްޓްރީޓްސްގެ އައިޝަތު ނާޒިމާ އެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވާ، ޗެމްޕިއަން ޓީމަށް ތަށި ހަވާލުިކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަޙުމަދު އެވެ.
މިދިޔަ ނޮވެމްބަރ މަހުގެ 22 ން ޑިސެމްބަރ 5 ގެ ނިޔަލަށް ކުރިއަށް ދިޔަ މި މުބާރާތުގައި މުބާރާތުގެ އަންހެން ޑިވިޝަންގައި 9 ޓީމު ބައިވެރިވެފައިވާ އިރު، މި ނުވަ ޓީމު ދެ ގްރޫޕަކަށް ބަހާލާފަ އެވެ.
ގްރޫޕް އޭގައި ހިމެނެނީ ގްރީން ސްޓްރީޓްސް، ޒެނިތް ސްޕޯޓްސް، ކްލަބް މެޓްރިކްސް، ޝައިނިންގ ސްޓާރ އަދި ޔުނައިޓެޑް ޔުނިޓީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ކުޅުދުއްފުށި ޔީތް އެންޑް ރެކްރިއޭޝަން (ކޭވައިއާރްސީ)، ޔޫތް ޔުނަިއޓެޑް، ލޮރެންޒޯ އަދި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ ފިރިހެން ބައިގާ ސްކައިލާރކް، ކޭވައިއާރްސީ އަދި މެޓްރިކްސް ބައިވެރިވެފައިވާ އިރު، ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ) އެވެ.
ޑިސެމްބަރ 4 ވަނަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ކޭވައިއާރްސީން ޗެމްޕިއަންކަން ހޯދީ ކްލަބް މެޓްރިކްސް އާ ވާދަކޮށް 30 ޕޮއިންޓު 27 ޕޮއިންޓުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް