ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރު އަމުރަކަށް ދައުލަތުން އެދިއްޖެ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރު އަމުރަކަށް ދައުލަތުން އެދިއްޖެ އެވެ. ދައުލަތުން މިކަމަށް އެދުނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތައް ދޫކުރުމުގައި ޚިޔާނ...

06 Dec 2021 | 07:00

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރު އަމުރަކަށް ދައުލަތުން އެދިއްޖެ އެވެ.

ދައުލަތުން މިކަމަށް އެދުނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތައް ދޫކުރުމުގައި ޚިޔާނާތް ވެފައިވާ ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މިއަދުގެ އަޑުއެހުމުގަ އެވެ.

ދައުލަތުން ބުނީ އެމްއެމްޕީއާރްސީ ޚިޔާނަތުގެ މައްސަލާގައި ހުކުމް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް ފިއްލަވަން މަސައްކަތް ކުރެއްވި ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ފިއްލަވާފާނެ ކަމުގެ ހެކި އެބަހުރި ކަމަށެވެ.

ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރު އަމުރަކަށް ދައުލަތުން މިއަދު އެދިފައިމިވަނީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހު ނެރުނު އެ އަމުރުގެ މުއްދަތު ހަމަވާން ކައިރިވުމާއެކުގަ އެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ ފިއްލަވައިގެން ދާން އެމަނިކުފާނު ކުރެއްވި އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށާއި އެކަމާ ބެހޭ އެއްވެސް ވާހަކައެއް ފޯމުގައި ނެތްއިރު، ފުލުހުންނަށް ލިބިފައި ހުރި ހެކިތައް އެނގެން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ހެކިތައް ނުލިބި ދިފާއު ނުވެވޭނެ ކަމަށް ވެސް އެމަނިކުފަނު ވިދާޅުވެފައި ވެއެވެ.

މި މައްސަލާގައި ދެ ފަރަތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރައްވާ މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ މި މައްސަލާގައި ގޮތެއް ނިންމާނީ މިއަދު ހަވީރު 4:00ގައި ބާއްވާ ޝަރީއަތުގެ މަޖިލީހުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް