ދިރިއުޅުމުގެ ތަފާތު ދާއިރާތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބަސްބުނެ ހަރަކާތްތެރިވަމުންދާ މިންވަރު މިވަނީ އިތުރުވެފައިވާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖުގަ އެވެ.
އެ މެސެޖުގައި މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޢާއިލާތަކަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި މިފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް މިހާރަށް ވުރެ ހަރުދާނާކޮށް ވަކި އިންތިޒާމެއްގެ ތެރެއިން ކުރުމަށް ބޭނުންވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދުގެ ޙާލަތަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށައިފާވާކަމީ އަޅުގަނޑުމެން އެންމެން ކުރަމުން މިދާ މަސައްކަތްތަކަށް ކޮންމެވެސް ކުރިއެރުން ތަކެއް ލިބެމުންދާ ކަމުގެ ފެހި ސިގްނަލެއް ކަމަށެވެ.
"ހަމައެހެންމެ ޤައުމީ އަދި ބައިނަލްއަޤުވާމީ ޕްލެޓްފޯމުތަކުގައި ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުން މިޤައުމު ތަމްސީލުކުރައްވަމުންދާތަން މިވަނީ ފެންނަންފަށާފަ. ނަމަވެސް މިފަދަ ފަރާތްތައް ބާރުވެރިކުރުމަށް 20 ވަނަ ޤަރުނުގެ ވިސްނުންތަކާއި އުކުޅުތައް ބޭނުން ކުރުމަށް ބޭނުންވޭ. ދިވެހިރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރަށް ވުރެ ހަމަހަމަ ފުރުޞަތުތަކާއި އަސާސީ ޚިދުމަތްތައް އެންމެ އެކަށީގެންވާ އަދި އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށް ދިނުމަށްޓަކައި ވަކިވަކި ފަރުދުންގެ ފެންވަރުގައްޔާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ފެންވަރުގައްޔާއި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމަކީ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެއް." މިނިސްޓަރ ވިދާޅުވި އެވެ.
ޖެންޑަރ މިނިސްޓަރ އިތުރަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރާއްޖޭގެ މުޖުތަމަޢުން ދެވޭ ސަމާލުކަން އިތުރުވެފައިވީ ނަމަވެސް މުޖުތަމަޢުގައި ހަވާސާ ވެފައިވާ މިފަދަ ފަރާތްތަކަށް އަދިވެސް އެންމެއެކަށީގެންވާ ގޮތުގައި ޝާމިލްވެ އުޅުމުގައި ތަފާތު ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
އެހެންކަމުން މިކަންކަމަށް އަޅުގަނޑުމެން މިހާރަށް ވުރެ ބޮޑަށް ސަމާލުކަންދީ ހައްލެއް ހޯދުމުގެ ބުރަ މަސައްކަތް ކުރަންޖެހިފައިވާކަމީ އެއްވެސް ޝައްކެތް ނެތް ކަމެއްކަމުގައި އެކަމަނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
ޤައުމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވެސް މުޖުތަމަޢުގެ އެހެން ފަރުދުންނެކޭ އެއްފަދައިން ދިރިއުޅުމުގެ އެންމެހައި ދާއިރާތަކުގައި ފުރިހަމައަށް ޝާމިލްވެވޭނެ ބަޔަކު ކަމުގައި ހެދުމެވެ. އަދި މިފަރާތްތަކަށް ފަހި މާޙައުލެއް އޮތް މުޖުތަމައަކަށް ހެދުމަށް ކުރުމަށް ބޭނުންވާ މަސައްކަތްތަކާއި ގުޅޭގޮތުން މިފަރާތްތަކުގެ ޙައްޤުގައި ވަކާލާތުކޮށް މަސައްކަތްކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް