މިސަރުކާރުން ފުރަތަމަ ބިންގާއެޅި ހައުސިން މަޝްރޫއަށް ޗައިނާ ބޭންކުން ދޭން ބުނި ލޯނު ނުދޭން ނިންމައިފި

މާލޭ ރައްޔިތުންނަަށް ހާއްސަކޮށް މި ސަރުކާރުން އިއުލާނު ކުރި ހައުސިން މަޝްރޫއު ކުރިޔަށް ގެންދިއުމަށް ބޭންކް އޮފް ޗައިނާއިން ދޭން އެއްބަސްވި ލޯނު ނުދޭން ނިންމައިފި އެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައ...

06 Dec 2021 | 06:17

މާލޭ ރައްޔިތުންނަަށް ހާއްސަކޮށް މި ސަރުކާރުން އިއުލާނު ކުރި ހައުސިން މަޝްރޫއު ކުރިޔަށް ގެންދިއުމަށް ބޭންކް އޮފް ޗައިނާއިން ދޭން އެއްބަސްވި ލޯނު ނުދޭން ނިންމައިފި އެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 1،700 ހައުސިން ޔުނިޓު އެޅުމަށް ހަމަޖެހިފައިވެ އެވެ. މިއީ ކުރީގެ ރައީސް ޔާމީންގެ ދައުރުގައި އިއުލާނުކޮށްފައި އޮތް އަދި މި ސަރުކާރުން ބިންގާއެޅި ފުރަތަމަ ހައުސިން މަޝްރޫއު އެވެ.

މި ފްލެޓުތައް އިމާރަތްކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. މި މަޝްރޫއަށް ބޭނުންވާ 308،177،181 ރުފިޔާގެ ތެރެއިން 85 ޕަސެންޓް ބޭންކް އޮފް ޗައިނާ އިން ދޭނެ ކަމަށް ކުރިން އެއްބަސްވެފައި އޮތެވެ.

ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު ހާމަކުރާ އައިލްސް ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ކުރިން އެގޮތަށް އެބޭންކުން އެއްބަސްވެފައި އޮތަސް މިހާރު ވަނީ ލޯނު ނުދޭން ނިންމާފަ އެވެ. ބޭންކް އޮފް ޗައިނާއިން އެ މަޝްރޫއަށް ލޯނު ނުދޭން ނިންމި ސަބަބެއް ނޭނގެ އެވެ.

ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުނިން މިހާރު ދަނީ އެހެން ބޭންކަކާއި މަޝްވަރާ ކުރަމުންނެވެ. އެ ކުންފުނިން ބޭންކުން ނަގާ ލޯނަކީ ސަވަރިން ގެރެންޓީ ދީގެން ނަގާ ލޯނެކެވެ.

މި މަޝްރޫގެ ބިންގާ އެޅީ މިދިޔަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހު އެވެ. ކުރީ ސަރުކާރުން އެޗްޑީސީ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދަން ނިންމާފައި އޮތް މަޝްރޫއު މި ސަރުކާރުން ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ދަށަށް ބަދަލުކޮށްފަ އެވެ.

ކުރިން 2،500 ފްލެޓު އިމާރާތް ކުރާ ގޮަތަށް އޮތް މި މަޝްރޫއުގެ ޑިޒައިނަށް މި ސަރުކާރުން ބަދަލު ގެނެސް ފްލެޓުތަކުގެ އަދަދު 1،700 އަށް މަދު ކުރީއެވެ.  މި މަޝްރޫއުގެ ދަށުން 11 ޓަވަރު އެޅުމަށް ހަމަޖެހިފައިވާއިރު އެ ޓަވަރުތައް ހަދަނީ 15 އަދި 16 ފްލޯއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް