އެކްސަސައިޒް އެކުވެރިން ތަމްރީން އަށް އައީ އިންޑިއާގެ 43 ސިފައިން: އެމްއެންޑީއެފް

ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ހިންގާ އަސްކަރީ ތަމްރީނު "އެކްސަސައިޒް އެކުވެރިން 2021 އަށް އަައީ އިންޑިއާގެ 43 ސިފައިން ކަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން...

06 Dec 2021 | 04:37

ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ހިންގާ އަސްކަރީ ތަމްރީނު "އެކްސަސައިޒް އެކުވެރިން 2021 އަށް އަައީ އިންޑިއާގެ 43 ސިފައިން ކަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

އެކްސަސައިޒް އެކުވެރިން އަކީ ދިވެހިރާއްޖެއާއި އިންޑިއާގެ އަސްކަރިއްޔާއާ ދެމެދުގައި އުފެދިފައިވާ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ އެކްސަސައިޒެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިފަހަރުގެ އެކްސަސައިޒުގައި އިންޑިއާގެ އަސްކަރިއްޔާއިން ބައިވެރި ވަނީ 11 ވަނަ ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓްގެ 43 ސިފައިންނެވެ. އަދި ރާއްޖެ އިން މި ތަމްރީނުގައި ބައިވެރިވަނީ އެމްއެންޑީއެފްގެ މެރިންސްއެވެ. މި އެކްސަސައިޒުގައި ކިޔަވައިދެއްވާނީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުން ކަމުގައި މަޢުލޫމާތު ދެއްވާފައި ވެއެވެ.

އެކްސަސައިޒް އެކުވެރިން 2021" ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެންބަރު މަހުގެ 05 އިން 18 ވަނަ ދުވަހުގެ ނިޔަލަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް ލ. ކައްދޫގައެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް ލ.ކައްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ ކާނަލް އިބްރާހީމް ޙިލްމީއެވެ.

މި ރަސްމިއްޔާތުގައި އެކްސަސައިޒްގެ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހުމާނު ވަނީ، ދެ ޤައުމުން ގުޅިގެން ހިންގާ މި ތަމްރީނުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، މި ތަމްރީނުތަކުގެ ސަބަބުން ދެ ޤައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިވަމުންދާނެކަން ފާހަގަކުރެއްވިއެވެ.

2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުންގެންދާ މި އެކްސަސައިޒް، އިންޑިއާ އަދި ދިވެހިރާއްޖޭގައި ބާއްވަމުން ދާއިރު، އެންމެ ފަހުން ބޭއްވި "އެކްސަސައިޒް އެކުވެރިން 2019" އިގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ޕޫނޭގައެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެކްސަސައިޒް އެކުވެރިން 2020 މިދިޔަ އަހަރު ވަނީ ބޭއްވޭ ގޮތް ނުވެފައެވެ.

މި އެކްސަސައިޒް ފެށުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ގެ ކޮމާންޑަރ ކާނަލް އިބްރާހީމް ޙީލްމީގެ އިތުރުން އިންޑިއާގެ ޑިފެންސް އެޑްވައިޒަރާއި ދެ ޤައުމުގެ ކޮންޓިޖެންޓުންނާއި ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް