ސްރީލަންކާގެ އާ ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.
ކޮޅުނބުގައި ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި މިނިސްޓަރ ޝާހިދު ވަނީ ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސައާއި، ބޮޑުވަޒީރު މަހިންދަރާޖަޕަކްސަ އަދި ޚާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނައާއި ބައްދަލުކުރައްވާފައެވެ.
ރައީސް ގޯތާބަޔަ ރާޖަޕަކްސައާއިއެކު މިނިސްޓަރ ޝާހިދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ފަރާތްޕުޅުން ސްރީލަންކާގެ ރައީސްއަށާ އެޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރެއްވިއެވެ.
އަދި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ރައީސް ރާޖަޕަކްސަގެ ވެރިކަމުގައި މިގުޅުން އިތުރަށް ހަރުދަނާވެގެން ދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
ލަންކާގެ އާ ބޮޑުވަޒީރު އަދި ކުރީގެ ރައީސް މަހިންދަރާޖަޕަކްސައާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ފަރާތްޕުޅުން ސްރީލަންކާގެ ބޮޑުވަޒީރަށާއި، އެޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް މިނިސްޓަރ ޝާހިދު އަރިސްކުރެއްވިއެވެ. އަދި ބޮޑުވަޒީރުކަމާއި ޙަވާލުވެވަޑައިގަތުމުން، އެކަމަށް މިނިސްޓަރ ޝާހިދު މަރުޙަބާ ވިދާޅުވިއެވެ.
އަދި އަދި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް ސްރީލަންކާ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ބޮޑުވަޒީރު ރާޖަޕަކްސައަށް މިނިސްޓަރ ޝާހިދު އެރުވިއެވެ.
ފޮރިން ރިލޭޝަންސް މިނިސްޓަރާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ މިނިސްޓަރ ގުނަވަރުދަނަ މަޤާމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. އަދި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، އެހެނިހެން ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ދެޤައުމުގެ ގުޅުން އިތުރު ހަރުފަތަށް ކުރިއަށް ގުޅިގެން މަސައްކަތްކުރެއްވުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ.
މި ބައްދަލުވުންތަކުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާޤްއާއި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް