ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްޞަ ކުރެވިފައިވާ ވަކިނިސްބަތެއް ކަނޑައެޅިގެން ދިއުމުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
އެމްއާރުއެމް އިން އެކަމަށް މަރުހަބާ ކިޔާފައިވަނީ ރޭގައި ނެރެނު ބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމަކީ ކޯލިޝަނުން ވެފައިވާ ވަޢުދެއް ކަމަށާއި އަދި މިއަދު މިވަނީ އެ ބިލުގައި އަންހެނުންނަށް ޚާއްޞަކޮށް 33 އިންސައްތަ ކަނޑައެޅި ފާސްކުރެވިފައި ކަމަށެވެ. މި މަސައްކަތް ކޮށްދެއްވިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް އެ ޕާޓީގެ ފަރާތުން ޝުކުރު ދަންނަވާކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
"އެގޮތުން އިޞްލާޙު ކުރެވި ފާސްކުރެވުނު ޤާނޫނުގެ ހަވަނަ ބާބުގައި ބަޔާން ކުރެވިފައިވަނީ "ކައުންސިލް ތަކުގައި އަންހެނުންގެ ދައުރު"، މި މާއްދާގެ (ހ) ގައި "ރަށްރަށާއި ސިޓީތައް ހިނގަނީ އަންހެނުންގެ ޙައްޤުތައް ރައްކާތެރި ކުރެވި، އަންހެނުންގެ ބައިވެރިވުމާ އެކުގައިކަން ކަށަވަރު ކުރުމަށްޓަކައި، ކައުންސިލް ތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަން ވާނެއެވެ." އަދި (ށ) ގައި " މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަޤުޞަދުތައް ޙާޞިލުކުރުމަށްޓަކައި މި ޤާނޫނުގެ 11 ވަނަ މާއްދާއާއި 24 ވަނަ މާއްދާއާއި، 41 ވަނަ މާއްދާގެ ދަށުން ކައުންސިލުތަކަށް އިންތިޚާބުކުރެވޭ މެންބަރުންގެ ތެރެއިން 33 އިންސައްތަ ޚާއްޞަކުރަންވާނީ އަންހެނުންނަށެވެ." އެހެންކަމުން މި މާއްދާއާއި އެކު މި ޤާނޫނު ފާސްވެގެން ދިއުމަކީ، ދިވެހި އަންހެނުން ސިޔާސި މައިދާނުގައި ހަރަކާތްތެރިވެ ބަސްބުނުމަށް އިތުރު ފުރުޞަތު ހޯދައި ދިނުމަށް އެޅިގެން ދިޔަ ބިންގަލެކެވެ. " އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ މިބިލު ފާސްވެގެން ދިއުމުން ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގައި ގިނަ އަންހެނުންގެ ބައިވެރިވުމާއި އަދި މުހިންމު ކަންކަން ނިންމުމުގައި، އަންހެނުން ކުރީސަފުގައި ފެނިގެން ދާނެކަމަށް އެ ޕާޓީން އުންމީދުކުރާ ކަމަށާއި އެހެންކަމުން، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ގިނަ އަންހެން ބޭފުޅުން ވާދަ ކުރެއްވުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.
އަދި އެ މިޕާޓީން އަބަދުވެސް ސިޔާސީ މައިދާނުގައި އަންހެނުން ޙަރަކާތްތެރި ވުމަށް ފުރުޞަތު ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި އެގޮތުން އެމް.އާރް.އެމް ގެ އަސާސީ ޤަވާޢިދުގައި، އެމް.އާރް.އެމް ގެ ހުރިހާ ކޮމެޓީތަކުގައި 50 އިންސައްތަ އަންހެނުން ތިބެން ޖެހޭނެ ކަމަށް ކަނޑައެޅިފައިވާ ކަން މިފުރުޞަތުގައި ފާހަގަކުރާކަމަށްވެސް އެމްއާރުއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް