ގާޒީ ފާއިޒު ސަސްޕެންޑު ކުރާއިރު ޔާމީން ހުންނަން ޖެހޭނީ މިނިވަންވެފަ: ޝިޔާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ހުކުމް ކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ގާޒީ ހުސައިން ފާއިޒު ރަޝާދު ސަސްޕެންޑު ކުރާއިރު އެމަނިކުފާނު ހުންނ...

06 Nov 2021 | 08:18

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ހުކުމް ކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ގާޒީ ހުސައިން ފާއިޒު ރަޝާދު ސަސްޕެންޑު ކުރާއިރު އެމަނިކުފާނު ހުންނަން ޖެހޭނީ މިނިވަން ވެފަ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޔާމީނަށް ހުކުމް ކުރި ތިން ފަނޑިޔާރެއްގެ އޯޑިއޯ ތަހުގީގު ކުރި އިރު އަޑު ދިމާވާ ކަމަށް ފޮރެންސިކް ރިޕޯޓުގައި ކަނޑައަޅާފައިވަނީ ގާޒީ ފާއިޒެވެ، އެ މައްސަލައިގަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ގާޒީ ފާއިޒު ސަސްޕެންޑު ކޮށްފަ އެވެ.

މިކަމާއި ގުޅިގެން ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވަނީ ޔާމީނަށް ހުކުމް ކުރުމުގައި ބައިވެރިވި ފަނޑިޔާރަކު ސަސްޕެންޑު ކުރި އިރު އެ ފަނޑިޔާރުން އިއްތިފާގުން އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމް ބާތިލް ކުރަން ނުޖެހޭތޯ ސުވާލު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ފަނޑިޔާރު ގެއަށް އަތްބޭނުނިކަން ޖޭއެސްސީން އެވަނީ ސާބިތުކޮށްދީފަ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެ ބެންޗުގެ ފަނޑިޔާރަކު އެކަމާއި ގުޅިގެން ސަސްޕެންޑު ކުރާއިރު ރައީސް ޔާމީންވެސް މިނިވަން ވާން ޖެހޭ ކަމަށެވެ.

https://twitter.com/Shiyamaldives/status/1456860867815895050

ގާޒީ ފާއިޒުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައި ސަސްޕެންޑު ކުރީ ދެ މަހަށެވެ. ޖޭއެސްސީން ބުނީ ގާޒީ ފާއިޒުގެ މައްސަލަ ބަލަން ނިންމީ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ޖޭއެސްސީން ބުނީ އަޑު ދިމާވިޔަސް ފާއިޒުގެ އޯޑިއޯއަކީ ޓެމްޕާކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭ ކަމަށެވެ.

ފާއިޒު ރަޝާދުގެ އަޑާ ދިމާވާ އޯޑިއޯގައި ދައްކާފައިހުރި ވާހަކަތަކަށް ބާލައިރު ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާ ކަމަށް ނުވަތަ ބައްދަލު ކުރަން އެދިފައިވާ ކަމަށް ނުވަތަ އެ ޝަރީއަތަށް ނުފޫޒުހިންގުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމަށް ބުނެފައި ނުވާކަންވެސް ޖޭއެސްސީން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް