ހއ. އުތީމު ހުޅަނގު ފަރާތު ތުނޑީ ސަރަހައްދުން ފެނުނު އާސާރީ ވަޅު ނަގައިގެން ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ގެންގޮސްފި އެވެ.
ތުނޑީގައި ގިރަމުންދާ ސަރަހައްދަކުން އެ ވަޅު ފެނިގެން މީހަކު އެ ރަށު ކައުންސިލަށް ރިޕޯޓު ކުރީ މިދިޔަ މަހު 27 ވަނަ ދުވަހު އެވެ. އެ ސަރަހައްދަކީ މިހާރު އުތީމުގައި އާންމުކޮށް މީހުން ގޮސް އުޅޭ ސަރަހައްދެއް ނޫނެވެ.
އުތީމު ކައުންސިލުން ބުނީ އެ ވަޅު އެތަނުން ނަގައިގެން ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ގެންދިޔައީ އިއްޔެ ކަމަށެވެ. ވަޅު އެތަނުން ނެގީ ރައްކާތެރި ކަމާއި އެކު ހަލާކު ނުވާނެ ގޮތައް ކަމަށާއި ވަކިވެފައި ހުރި ބައިތައް ފާހަގަކޮށްފައިވާ ކަމަށެވެ.
އަދި އެ މަސައްކަތް ކުރީ ތަރިކައާ ބެހޭ މަރުކަޒުގެ ލަފާޔާ އެއްގޮތަށް ކަމަށް އުތީމު ކައުންސިލުން ބުނެ އެވެ. އުތީމު ކައުންސިލުން ވަނީ އެ ވަޅު އެތަނުން ނަގައި ގެންދިއުމުގައި އެހީތެރިވެދިން ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ މުވައްޒަފުންނާއި އުތީމު ކައުންސިލް އަދި އުތީމު ޕޮލިސް ޑެސްކަށް ޝުކުރު އަދާކޮށްފަ އެވެ.
އުތީމު ކައުންސިލުން މީޑިއާގައި ބުނީ އެ ވަޅަކީ އުތީމު ގަނޑުވަރަށް ވީހާ ދުވަހެއް ވެފައިވާ ވަޅެއް ކަމަށް ބެލެވޭތީ ވަޅަށް 500 އަހަރު ވަރު ވެދާނެ ކަމަށެވެ. އެ ވަޅު ހަދާފައި ހުރީ ވެލި ގަލުން ނެވެ.
އުތީމުން އާސާރީ ތަކެތި ފެނުމަކީ އާންމު ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް