ކުޑަކުދިންނަށް ކޯވިޑް ވެކްސިން ޖެހުން މަޖުބޫރު ފުރަތަމަ ގައުމަކަށް ކޮސްޓާ ރިކާ

ކުޑަކުދިން ކޯވިޑް ވެކްސިން ޖެހުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ކޮސްޓާ ރިކާގައި ކަނޑައަޅައިފި އެވެ. މިއީ ގައުމީ ވެކްސިން ޕްރޮގްރާމްގައި ކޯވިޑް ވެކްސިން ހިމަނައި ކުޑަކުދިންނަށް ވެކްސިން ދިނުން މަޖުބޫރު ...

06 Nov 2021 | 07:05

ކުޑަކުދިން ކޯވިޑް ވެކްސިން ޖެހުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ކޮސްޓާ ރިކާގައި ކަނޑައަޅައިފި އެވެ.

މިއީ ގައުމީ ވެކްސިން ޕްރޮގްރާމްގައި ކޯވިޑް ވެކްސިން ހިމަނައި ކުޑަކުދިންނަށް ވެކްސިން ދިނުން މަޖުބޫރު ކަމަށް ކަނޑައެޅި ފުރަތަމަ ގައުމެކެވެ. އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ ގާނޫނަށް ގެނައި ބަދަލާއި އެކު ކޯވިޑް ވެކްސިން ޅަފަތުގައި ކުދިންނަށް ދޭ ވެކްސިންތަކުގެ ލިސްޓުގައި ހިމަނާނެ ކަމަށެވެ.

ކޮސްޓާ ރިކާއިން ވަނީ އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދިނުމުގެ ކެމްޕެއިނެއް ފަށަން ނިންމާފައި އެވެ. އަދި ފައިޒާ ވެކްސިން ޖެހުމަށް އެ ކުންފުންޏާއި އެކު އެއްބަސްވެއް ހަދާފައިވާއިރު އަންނަ އަހަރުގެ މާޗް މަހުން ފެށިގެން އެ އުމުރު ފުރާގެ ހުރިހާ ކުދިންނަށް ވެކްސިން ދޭން ފަށާނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ޖުމްލަ 3.5 މިލިއަން ވެކްސިން ޑޯޒު ހޯދާނެ އެވެ. އޭގެ ތެރެއިން 1.5 މިލިއަން ޑޯޒު 12 އަހަރުން ދަށުގެ ކުދިންނަށް ދިނުމަށް ހަމަޖެހިފައިވާއިރު ބާކީ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ވެކްސިންގެ ތިން ވަނަ ޑޯޒު ދިނުމަށެވެ.

މިދިޔަ ހަފްތާގައި އެމެރިކާއިން އެމެރިކާގެ ސިއްހީ އިދާރާތަކުން ވަނީ ފައިޒާ ވެކްސިން އުމުރުން 5-11 އަހަރާއި ދެމެދުގެ ކުދިންނަށް ޖެހުމުގެ ހުއްދަ ދީފަ އެވެ. ކޮސްޓާ ރިކާއިން ނިންމާފައިވަނީ ގައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ކުޑަކުދިންނަށް ފަސް އަހަރުވުމުން ކޯވިޑް ވެކްސިން ދޭށެވެ.

ކޮސްޓާ ރިކާގައި ކޯވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 55 ޕަސެންޓު މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް