ޑަޗަސް އޮފް ސަސެކްގެ ނަމުގައި މޭގަން، އެމެރިކާ މަޖިލީސް މެމްބަރުންނަށް ގުޅަނީ!

އިނގިރޭސިވިލާތުގެ ޝާހި އާއިލާއިން މިދިޔަ އަހަރު އަމިއްލަށް ވަކިވެފައިވާ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން ޑަޗަސް އޮފް ސަސެކްގެ ނަމުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ގުޅުން ޖޯކަ...

06 Nov 2021 | 04:00

އިނގިރޭސިވިލާތުގެ ޝާހި އާއިލާއިން މިދިޔަ އަހަރު އަމިއްލަށް ވަކިވެފައިވާ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން ޑަޗަސް އޮފް ސަސެކްގެ ނަމުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ގުޅުން ޖޯކަކަށް ވެއްޖެ އެވެ.

ޑަޗަސް އޮފް ސަސެކް އަކީ ޕްރިންސް ހެރީ އާއި ކައިވެނި ކުރުމުން މޭގަންއަށް އެރުވި ލަގަބެވެ. އެކަމަކު ޝާހީ އާއިލާ އާއި އެކު އެ ލަގަބުވެސް ވަނީ ދޫކޮށްލާފަ އެވެ.

އެމެރިކާއަށް ނިސްބަތްވާ މޭގަން މިހާރު ދިރިއުޅެމުންދަނީ ޕްރިންސް ހެރީ އާއި ދެ ދަރިންނާއި އެކު އެމެރިކާގެ ކެލިފޯނިއާގަ އެވެ. އެމެރިކާ ސަރުކާރުން އެމީހުންގެ ލަގަބު ރަސްމީކޮށް ބަލައިގެންފަ ނުވާތީ އެއީ މާ މުހިންމު ބައެއް ކަމަކަށް ނުދެކެ އެވެ.

އެމެރިކާ ސަރުކާރުން އެމީހުން ރަސްމީކޮށް ބަލައި ނުގަތް ނަމަވެސް އާންމުންގެ މެދުގައި ޕްރިންސް ހެރީ އާއި މޭގަން އެމެރިކާގައިވެސް މަޝްހޫރެވެ. އެހެންވެ ސިޔާސީ ކަންކަމުގައިވެސް މޭގަންގެ ބަސްވިކެ އެވެ.

މޭގަން ބައެއް މަޖިލީސް މެމްބަރުންނަށް ގުޅީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި މިހާރު ބަހުސް ކުރެވެމުންދާ ބެލެނިވެރިންނަށް ޕޭ ލީވް ދިނުމާއި ބެހޭ ބިލްގެ މައްސަލައިގަ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ ފަރާތުން އެ ބިލު ފާސް ކޮށްދިނުން އަވަސް ކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ. އެކަމަކު މޭގަން ގުޅި މަޖިލީސް މެމްބަރުންނަށް ޝާހީ މަގާމު ބޭނުން ކޮށްގެން އޭނާ ވާހަކަދެއްކުމުން ވީ ޖޯކަކަށެވެ.

އެމެރިކާގެ މަޖިލީސް މެމްބަރަކު މީޑިއާގައި ވިދާޅުވީ މޭގަން އޭނާއަށް ގުޅުމަށް ފަހު އަމިއްލައަށް އެއީ "މޭގަން ޑަޗަސް އޮފް ސަސެކް" ކަމަށް ބުނުމުން ހައިރާންވި ކަމަށެވެ. އެހެން މެމްބަރަކު ވިދާޅުވީ މޭގަން ގުޅީ ޕްރައިވެޓް ނަމްބަރަކުން ކަމަށާއި އޭނާގެ ތައާރަފުގެ ގޮތުގައި ބުނީ ޑަޗަސް އޮފް ސަސެކް" ކަމަށެވެ.

އެގޮތަށް ހަތަރު ވަރަކަށް މެމްބަރުންނަށް މޭގަން ގުޅައި އެ ބިލާއި ގުޅޭގޮތުން ވާހަކަ ދެއްކި ކަމަށްވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މޭގަންއަށް މެމްބަރުންގެ ނަމްބަރު ދީގެން ގުޅުވަނީ އެމެރިކާގެ ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުންނެވެ.

އެމެރިކާ އަކީ މުއްސަނދި ގައުމުތަކުގެ ތެރެއިން ރަސްމީ ސިފައެއްގައި ގާނޫނެއްގެ ދަށުން ބެލެނިވެރިންނަށް ޕޭލީވް ނުދޭ ހަމައެކަނި ގައުމެވެ. އެކަމަކު 21 ޕަސެންޓު މުވައްޒަފުންނަށް އެމީހުން ވަޒީފާ އަދާ ކުރާ ތަންތަނުން އަމިއްލަ އިސްނެގުމަށް ޕޭ ލީވް ދޭ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް