ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް ދެ ލައްކަ ރުފިޔާ ދިން މައްސަލައެއް ތަހުގީގު ކުރަން ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ ގާޒީ ހައިލަމްއާއެކު ކުރީގެ މެމްބަރު އަލްހާން، މިއަހަރުގެ މޭ 19 ވަނަ ދުވަހު 200،000 ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާ ކަމަށް ބުނެ ފުލުހުން އެ ކޮމިޝަންގެ ސަމާލުކަމަށް އިއްޔެ އެކަން ގެނެސްފައިވާ ކަމަށެވެ.
"އެއީ ފަނޑިޔާރަކާ ގުޅިގެން ފާހަގަކޮށްފައިވާ ސީރިއަސް މައްސަލައެއް ކަމަށްވާތީ، އެ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނުން މިއަދު ނިންމި" ޖޭއެސްސީން ބުންޏެވެ.
އެމްއެމްއޭ އިން މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ ގެނެސްފައިވީ ނަމަވެސް ފާއިތުވި ދުވަސްތަކުގެ ތެރޭގައި މި މައުލޫމާތު ފުލުހުން ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފައިނުވާ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
އަދި މި މައްސަލާގައި އެކަށީގެންވާ ފިޔަވަޅު ފުލުހުން މިއަދާ ހަމައަށް ވެސް އަޅާފައިވާ ކަމަށް ގަބޫލުނުކުރެވޭތީ އެކަން ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާ އަށާއި އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގައި ދެންނެވުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
ގާޒީ ހައިލަމްގެ މިފަދަ މައްސަލައެއް ޖޭއެސްސީން ތަހުގީގު ކުރަން ފެށިއިރު، ޖޭއެސްސީން އިއްޔެ ވަނީ ހައިލަމް ސަސްޕެންޑްކޮށްފައެވެ. ހައިލަމް ސަސްޕެންޑް ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް