ސުޕްރީމް ކޯޓުގެ ސެކްރެޓްރީ ޖެނަރަލް ޑރ. ހުސެއިން ފާއިޒަށް އިންޒާރުދީ ބިރު ދައްކާފައިވާ ކަމަށްބުނެ ފެތުރެމުންދާ ވާހަކަ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދޮގު ކުރައްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު އެކަން ދޮގު ކުރެއްވިއިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އަންނަނީ އުއްތަމަ ފަނޑިޔާރުގެ އެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖޭއެސްސީގެ ގާނޫނަށް މިފަހުން ގެނައި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވާ އިސްލާހެއް ކަމަށްވާތީ އެ އިސްލާހަށް އިހްތިރާމް ކުރައްވާ ކަމަށެވެ. އަދި އެ އިސްލާހު ތަންފީޒު ކުރުމަށްޓަކައި ދޭންޖެހޭ އެއްބާރުލުން ސުޕްރީމް ކޯޓު ދެއްވާނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ޖޭއެސްސީގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުން އެނގޭ ގޮތުގައި ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާ ހަވާލުކޮށްފައިވަނީ އަދުލްއިންސާފު ގާއިމް ކުރުމުގެ އާންމު އިދާރީ ކަންކަން ބެލެހެއްޓުން ކަމަށާއި ކޯޓުތަކުގެ އެތެރޭގެ އިދާރީ ކަންކަން އާ އިސްލާހުން ވެސް ޑީޖޭއޭއާ ހަވާލުކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުން ހިންގާނީ އުއްތަމަ ފަނޑިޔާރުކަން ކަމާއި ހައިކޯޓާއި ސްޕީރިއާ ކޯޓުތަކުގެ އިދާރީ ހިންގުން އޮންނަން ވާނީ އެ ކޯޓެއްގެ އިސް ފަނޑިޔާރުގެ ބެލުމުގެ ދަށުންކަން ގާނޫނުން ސާފުވާ ކަމަށާއި އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި އެ ދައުރު އޮތީ އިސް މެޖިސްޓްރޭޓަށްކަން ވެސް އެނގޭ ކަމަށެވެ.
ޑީޖޭއޭއިން ކޯޓުތަކުގެ އެތެރޭގެ އިދާރީ ހިންގުމާ ބެހޭ އުސޫލުތައް ކަނޑައަޅައި އަންގާ އެންގުންތަކަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުގެ އެސްޖީ ޑރ. ފާއިޒް ވަނީ އުއްތަމަ ފަނޑިޔާރުގެ ހުއްދައެއް އަދި އެންގުމެއް ނެތި މުވައްޒަފުންނާ ބައްދަލުކޮށް ކޯޓުގެ ހިންގުމުގެ އެންމެ އިސް ވެރިޔަކީ އުއްތަމަ ފަނޑިޔާރު ނޫން ކަމަށް އެކޯޓުގެ މުވައްޒަފުން ގާތުގައި ވިދާޅުވެފައި ކަމަށާއި އަދި އެ ކޯޓުގެ އެންމެ އިސް ފަރާތަކީ އޭނާ ކަމަށް ޑރ. ފާއިޒް މުވައްޒަފުންނަށް ދެންނެވި ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
"ތިމަންނަ ރިޕޯޓް ކުރާން ޖެހޭ ފަރާތަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރޭ ވިދާޅުވެ ދުސްތޫރީ އަދި ގާނޫނީ މއްދާތަކުގެ ބާރު ކެނޑޭ ގޮތަށް އަމަލު ކުރައްވައިފި، މި އަމަލުތަކުގެ ސަބަބުން ސުޕްރީމް ކޯޓުގެ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދި ކޯޓުގެ އެތެރޭގެ ހަމަޖެހުމާއި މަސްލަހަތު ދަނީ ގެއްލެމުން، އަދި އަޅުގަނޑާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރުމަށް ވަނީ ހުރަސް އެޅިފައި،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެގޮތަށް ޑރ. ފާއިޒް އަމަލު ކުރެއްވުމުން އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން އޭނާއަށް ނަސޭހަތް ދެއްވި ކަމަށާއި އަދި އެއީ ކޮށްގެން ހުރި ހުވާގެ މަތިން ލާޒިމް ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފަދަ އަމަލުތައް ދެން އިތުރަށް ތަކުރާރު ނުކުރުމަށް އެންގެވި ކަމަށާއި ޑރ. ފާއިޒްގެ މައްޗަށް އެހެން މުވައްޒަފުންނަށް ވެސް އޮންނަ އުސޫލުގެ ތެރެއިން ގަވައިދުގެ ދަށުން ފިޔަވަޅު އެޅުމަށް ހުރަސް ނޯންނާނެކަން ދަންނަވާފައިވާނެ ކަމަށެވެ.
"އެފަދަ އެންގުމެއް އެންގުމަކީ އަޅުގަނޑު އޭނާއަށް އިންޒާރު ދިނުން ކަމުގައި ބެލޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމާއި އަދި އެއީ ސުލޫކީ މައްސަލައެއް ކަމުގައި ބަލާނެ އެއްވެސް އަސާސެއް ވެސް ނޯންނާނެ، ނަމަވެސް އެއީ އަޅުގަނޑުގެ ދުސްތޫރީ އަދި ގާނޫނީ މަސްއޫލިއްޔަތު އަދާކުރުންކަން މި ފުރުސަތުގައި ފާހަގަކުރަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުތަކަކީ ވަކި ބައެއްގެ މައްޗަށް ހިންގައިފައި ވަކި މީހެއްގެ މަސްލަހަތާއި ފައިދާއަށްޓަކައި އެއް ފަރާތް ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް