ހުނަރަކީ މާތްﷲ ތިމާއަށް ދެއްވާފައިވާ މަތިވެރި ނިޢުމަތެކެވެ. އެހުނަރުގެ ބޭނުން ރަގަޅު ގޮތުގައި ހިފައި، ހުނަރު ކުރިއަރުވަން މަސައްކަތް ކުރުމަކީ ތިމާގެ އަމިއްލަ ވާޖިބެކެވެ. އެކި މީހުންނަކީ އެކިކަހަލަ މަސައްކަތްތަކަށް ހުނަރުވެރި ބައެކެވެ. އެގޮތުން ދަރިވަރުންނަށް ކިޔަވައި ދިނުމަކީ ވަކި ހުނަރެކެވެ. ފެހުމަކީ ވަކި ހުނަރެކެވެ. އަތްތެރި މަސައްކަތް ކުރުމަކީ ވަކި ހުނަރެކެވެ. ކުރެހުމާއި ޑިޒައިން ކުރުމަކީވެސް ވަކި ހުނަރެކެވެ. މިއިން ކޮންމެ ކަމަކީ ވެސް ކަވި އަދި އެހާމެ ބުރަ މަސައްކަތުން ކުރެވޭނެ ކަންކަމެވެ.
ހުނަރުގެ ވާހަކަ ދައްކާއިރު، ތަފާތު އެކި ހުނަރުން ފުރިފައިވާ ކަނބަލެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ. މިއީ ށ. މިލަންދޫ އަށް އުފަން އުމުރުން 31 އަހަރުގެ ޙައްވާ ޔުމްނާ (ޔުމް)ގެ ހުނަރުވެރި ދިރުއުޅުމުގެ ވާހަކަ އެވެ. ކޭކު އެޅުމުގެ ދާއިރާއިން އުހަށް ގޮސް ޔުމް އަކީ މިހާރު އެކި ބާވަތްތަކުގެ އަތްތެރި މަސައްކަތްކުރާ ފިސާރި ކަނބަލެކެވެ.
ޝައުގުވެރިކަން ހުންނަ އަދި ކުރާހިތްވާ ކަންތައްތައް ދަސްވާނީ އަދި ކުރެވޭނީ ވެސް އެކަމެއް ކުރަން ތިމާ އަމިއްލައަށް އުޅެގެންނެވެ. އެކަން ޔުމް ވަނީ ސާބިތުކޮށްދީފައެވެ. އޭނާ ބުނާގޮތުގައި ޔުމް އަކީ އަބަދުވެސް މާހެދުމާއި، ފެހުމާ ކާއެއްޗެހި ތައްޔާރުކުރުމަށް ވަރަށް ޝައުޤުވެރިކަން ހުންނަ މީހެކެވެ. މާލެއިން އަޅުވައިގެން ގެންނަ ކޭކުތައް ފެނި ފުރަތަމަ ކޭކު އަޅާހިތްވީ ކޭކުއެޅުމުގައި ބޭނުންކުރާ ސާމާނުތަކަކީ ކޮބައިކަންވެސް ނޭންގި ހުރެއެވެ. ނޭންގުމަކީ އުޒުރެއް ނޫނެވެ. އެންމެ ފުރަތަމަ ކޭކެއްގައި ހުންނާނެ ރަހައަށް ވިސްނާފައި އުމުރުން އެންމެ 16 އަހަރު ރަށުން ލިބެން ހުރި ތަކެތި ބޭނުންކޮށްގެން އެޅި ކޭކު އެންމެންނަށް ވެސް ވަރަށް ކަމުދިޔައެވެ.
ޔުމްއަށް ކޭކު ކޯހެއް ހަދައިގެން ފުޅާ ދާއިރާއެއްގައި ކޭކު އެޅުމުގެ މަސައްކަތް ފެށުނީ 2009 ވަނަ އަހަރު އެވެ. ކޯސް ހަދައިގެން ފުރަތަމަ ކޭކެއް އެޅީ ދޮށީ ފިރިހެން ދަރިފުޅުގެ ފުރަތަމަ އުފަންދުވަހުއެވެ. އެހިސާބުން މަދުމަދުން އޯޑަރުތައް ލިބި، އޭނާގެ މަސައްކަތް ފުޅާވީ އެވެ. ވެޑިންގ ކޭކުތައް އަޅައި ޑިޒަރޓް ޓޭބަލްތައް ވެސް އޭގެ ފަހުން ޔުމް ޑިޒައިންކުރަން ފެށި އެވެ. ޔުމް ދެކޭގޮތުގައި ކޭކު އެޅުމަކީ ގޭގައި އިނދެގެން ކޮށްލަން ހަމަ އެއްވަނައިގެ މަސައްކަތެކެވެ.
ކޭކު އެޅުމަކީ ޔުމްގެ މައިގަނޑު މަސައްކަތް ނަމަވެސް ޔުމް އަކީ ހުނަރުން ފުރިގެންވާ ކަނބަލެކެވެ. އެގޮތުން ކޭކު އެޅުން ފިޔަވައި އޭނާ ކުރާ މަސައްކަތްތަކުގެ ތެރޭގައި ފެހުން، މާހެދުން، ބޯޓައި، ހެޑްޕީސް، ހަފުލާތަކަށް ބުކޭ، ބޮޓާނިއަރ، ފްލާވަރ ބޭންޑް، އެކި ކަންކަމަށް ގިފްޓް، ސޭޝް، ސެންޓަރ ޕީސް، ވޯލްހޭންގަރ، ފްލޯރަލް ހޫޕް، ކުޑަކުދިންނަށް ޙާއްޞަ ސޮފްޓް ބުކް، ސޮފްޓް ޓޯއީސް، ފެލްޓް ނޭމް ބެނާ އަދި ހަފުލާތަކަށް ޑެޒަރޓްވެސް ތައްޔާރުކުރުން ހިމެނެއެވެ. ޔުމް ބުނީ، ތަފާތު ކޮންމެ މަސައްކަތެއް ފެންނައިރަށް އެކަމެއް ކުރެވޭތޯ މަސައްކަތް ކުރާކަމަށެވެ.
ޔުމްގެ ރަހަމީރު ކޭކުތަކާއި އަތުން ތައްޔާރުކުރާ އައިޓަމްތައް ވިކެނީ ހަމައެކަނި މިލަންދޫގައި އެކަންޏެއް ނޫނެވެ. އަތޮޅުތެރެއާއި މާލެއިން ވެސް ޔުމްއަށް އޯޑަރުތައް ލިބޭ ކަމަށް އުފަލާއި އެކީ ޔުމް ފާހަގަކުރި އެވެ.
ދެން އޮތީ އެންމެ މުހިންމު އެއް ވާހަކައެވެ. 2016 ވަނަ އަހަރުން ފެށިގެން ޔުމް ވަނީ ކޭކު ކޯސްތަކެއް ވެސް ހިންގާފައެވެ.
"2016 ވަނަ އަހަރުން ފެށިގެން ކޯސް ހިންގަމުން މިދަނީ. ކޯސް އަދި ކުރިއަށް މިގެންދަނީ އަމިއްލަ ރަށުގަ. އަޅުގަނޑުކައިރިން ތަމްރީންލިބިގެން ވަރަށް ކާމިޔާބުކަމާއެކު މިމަސައްކަތް ކުރާކުދިން މިހާރު ރަށުގައި އެބައުޅޭ. ހަގީގަތުގަ އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގަ ދެކެނީ. އެހެނިހެން ރަށްރަށަށްވެސް ކޯސް ހިންގަންދާނަން ރިކުއެސްޓް ކޮށްލައިފިނަމަ." ޔުމް ބުންޏެވެ.
ކޮންމެ ކަމެއްގައި ވެސް ގޮންޖެހުންތަކަކާއި ދަތިތަކެއް ހުންނާނެ އެވެ. ރަށެއްގައި ހުރެގެން އަމިއްލަ މަސައްކަތެއް ކުރާނަމަ ގިނަ މީހުންގެ ޝަކުވާއަކަށް ވަނީ އެރަށަކުން ބޭނުންވާ ހުރިހާ ތަކެތި ނުލިބޭ މައްސަލައެވެ. ޔުމް ވެސް ފާހަގަކުރީ ހަމަ އެމައްސަލަ އެވެ. ޔުމް ބުނިގޮތުގައި، އާންމުގޮތެއްގައި ޔުމްގެ މަސައްކަތަށް ބޭނުންވާ ސާމާނު ގެންނަނީ މާލެއިން ނުވަތަ ރާއްޖެއިން ބޭރުންނެވެ.
ވާދަވެރިކަމަކީ ދެން އަބަދުވެސް ހުރިހާ ދާއިރާއެއްގައިވެސް އޮންނަ ކަމެކެވެ. މިކަމާ ގުޅިގެން ޔުމްގެ ވިސްނުން ވަރަށް ވެސް ފުޅަލެވެ. ޔުމް ބުނީ، އޭނާއަށް އެނގޭ އެއްޗެއް ކޮންމެ މީހަކަށްވެސް ކިޔަދެން ފަސްނުޖެހޭނެ ކަމަށާއި ނޭންގޭ އެއްޗެހި އެހެން މީހުން ކައިރިން ވެސް އަހާ އޮޅުންފިލުވާ ކަމަށެވެ. ޔުމް އަކީ ވާދައަށް މަސައްކަތްކުރާ ކަނބަލެއް ނޫނެވެ. އެހެން މީހުންގެ ފާޑުކިޔުމަކީ ވެސް އޭނާ ދެކޭގޮތުގައި ލިބޭ ކުރިއެރުމެކެވެ.
"އަޅުގަނޑުގެ ވަރަށް ބޮޑު ހުވަފެނެއް އެއީ ގައުމީ ފެންވަރުގައި ބާއްވާ ފެއަރ އެއްގައި އަޅުގަނޑުގެ މަސައްކަތްތައް ދައްކާލުން. އަލްޙަމްދުލިﷲ، އެކަން ކާމިޔާބުވެއްޖެ. މަމްސް އެކްސްޕޯ 2019 އިން އަޅުގަނޑަށް އެފުރުޞަތު ލިބި، ވަރަށް ގިނަ ބަޔަކަށް އަޅުގަނޑުގެ މަސައްކަތްތައް ވާނީ ދައްކާލާފަ. އަދިވެސް މިކަހަލަ ފެއަރތަކުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން އެބަހުރި. އަޅުގަނޑު ކޭކު އެޅުމާއި ފަހަންފެށީ ތަމްރީނެއް ނެތިކަމުގައިވިޔަސް، މިހާތަނަށް އައިއިރު އަޅުގަނޑު ތަފާތު ކޯސްތައް ހަދައި ދަސްކުރަމުން މިދަނީ. ކުރިއަށް އޮތްތާނގައިވެސް ކޯސްތަކުގައި ބައިވެރިވެގެން އިތުރު ތަމްރީންތަކާއިއެކު ކުރިއަށްދާން ބޭނުންވަނީ." ޔުމް އިތުރަށް ފާހަގަކުރިއެވެ.
ދެކުދިންގެ މަންމައަކަށްވެ ހުރެ މިހާ ކާމިޔާބު ކަމާއި އެކީ ޔުމް ކޮންމެ މަސައްކަތެއްވެސް އަދި އޯޑަރެއްވެސް ނިންމަނީ އާއިލާގެ އެހީތެރިކަމާއި އެކީކަން ޔުމް ފާހަގަކުރިއެވެ. ހާއްސަގޮތެއްގައި ފިރިމީހާގެ ފަރާތުން ލިބޭ އެއްބާރުލުން ޔުމް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުންވެސް ދެފަރާތުގެ އާއިލާއިންވެސް ޔުމްއަށް ވަރަށް އެހީތެރިކަން ފޯރުކޮށްދޭކަން ޔުމް ވަނީ ފާހަގަކޮށްފައެވެ.
ދުވަސް ޓީމުން އެދެނީ ޔުމްގެ މަސައްކަތުގައި ބަރަކާތް ލައްވައި އަދި މިއަށްވުރެ ވެސް ފުޅާ ދާއިރާއެއްގައި ޔުމްގެ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ފެނިގެން ދިއުމެވެ.
ޔުމްގެ ފޭސްބުކް ޕޭޖް ލިންކް: http://fb.com/yumscakeandcollection
ޔުމްގެ އިންސްޓަގްރާމް ޕޭޖް ލިންކް: http://instagram.com/yumscakeandcollection
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް