މި ހަފްތާގެ ހުކުރު ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެކުގައި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ޑައިވިނަށް ދިއުމުގެ ދައުވަތު ރައީސް ނަޝީދު ދެއްވައިފިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުން ދުނިޔެ ސަލާމަތް ކުރުމަށް އޮތް ފުރުސަތު ހަނިވަމުންދާތީ އެކަންބޮޑުވުން ފާޅުކޮށް ދުނިޔޭގެ ސަމާލުކަމަށް އެކަން ގެނައުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް މަރުހަލާގައި ޝިޔާމް ވަނީ މޫސުމީ ބަދަލުތަކާއި ގުޅިގެން އޭނާގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. ޝިޔާމަކީ ޑައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި މީގެކުރިން ރިސޯޓެއްގައި މަސައްކަތް ކުރި މީހެކެވެ.
"އަޅުގަނޑު ޑައިވިނަށް ދާއިރު ދަނީ އިތުރު ބޮޑުސިއްގާ ގޯންޏެއް ކަހަލަ ކޮތަޅެއް [ސުތުލި ގޯނި] ހިފައިގެން. ކުނިހޮވަން. އަޅުގަނޑަށް ފާހަގަ ކުރެވުނު އަޅުގަނޑުމެން އެއްގަޑިއިރުގެ ޑައިވިނެއްކޮށް ނިންމާ އަރާއިރުގައި ކޮންމެ ފަހަރަކު އަރަން ޖެހެނީ ޕްލާސްޓިކާއި ވަކިން ހާއްސަކޮށް ކުޑަކުދިން ޖަހާ ނެޕީ ހޮވައިގެން." ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވާހަކަފުޅު ދައްކަވާ ނިންމާލެއްވުމުން ރައީސް ނަޝީދު ވިދާޅުވީ ޝިޔާމްއާ އެކު ޑައިވިނަށް ދާން "ވަރަށް ބޮޑަށް އެދެން" ކަމަށެވެ.
"އަޅުގަނޑު ދަންނަވާނަން އިބްރާހިމް މޫސާގެ ފައްޔާޒު އިބްރާހިމް އަރިހުގައި އަޅުގަނޑުމެން ދެމީހުންނަށް އެކަން ކޮށްދިނުމަށް. އިއްޒަތްތެރި މެމްބަރު އެގޮތަށް ތައްޔާރަށް ހުންނެވި ކަމަށް ވަނީވިއްޔާ، ދެން ކަނޑު އަޑީގައި އަޅުގަނޑުމެންނަށް މިކަމާ މަޝްވަރާ ހިންގިދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަކީ އެންމެ ފުރަތަމަ ރާއްޖޭގައި މޫދު އަޑީގައި ކެބިނެޓު ބައްދަލުވުމެއް ބޭއްވި ރައީސްވެސްމެއެވެ. އެކަމަކީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ ކަމެކެވެ. އަދި އޭގެފަހުން އެމަނިކުފާނަކީ ތިމާވެށީގެ ރައީސްގެ ގޮތުގައި ގިނަބަޔަކު ސިފަ ކުރެއްވި ރައީސެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް