ހިޔާނާތުގެ މައްސަލަ ތަހުގީގުކުރަން ހާއްސަ ކޮމެޓީއެއް އެކުލަވާލަކަށް ނުޖެހޭ: ނަޝީދު

ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު އިންސާފުވެރިކަމާއި އެކުގައި ހިންގުމުގެ ގޮތުން ރައްޔިތުން މަޖިލީހުގެ ހާއްސަ ކޮމެޓީއެއް އެކުލަވާލަ...

06 Nov 2019 | 08:18

ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު އިންސާފުވެރިކަމާއި އެކުގައި ހިންގުމުގެ ގޮތުން ރައްޔިތުން މަޖިލީހުގެ ހާއްސަ ކޮމެޓީއެއް އެކުލަވާލަން ނުޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެމަނިކުފާނަށް ފޮނުއްވި ސިޓީއަށް ޖަވާބު ދެއްވުމުގެ ގޮތުންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަން މަޖިލީހުން ޖަވާބުދާރީ ކުރެވޭނެ ކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޖާބިރު އެދިވަޑައިގެންނެވި ކަންކަން ފުރިހަމައަށް ހިންގަމުން އަންނަ ކަމަށެވެ.

ޖާބިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީ މައްސަލައިގެ ޝަރީއަތްތައް ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ކުރިއަށްދާ ދަނޑިވަޅުގައި އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރެއްވި ފުލުހުންގެ މުއައްސަސާގެ އޭރުގެ ބޭފުޅުންނާއި އަދި އެ މައްސަލަތަކުގެ ދައުވާ އުފުލި ޕްރޮސިކިއުޓާ ޖެނެރަލް މިއަދުވެސް އެ މައްސަލަތައް އަލުން ތަހުގީގު ކުރުމަކީ އެފަރާތްތަކުން މީގެކުރިން އަމަލުކޮށްފައިވާ ގޮތުން ގެއްލިފައިވާ ރައްޔިތުންގެ ހައްގުތައް އަލުން ހޯދައިދެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

ޖާބިރުގެ ސިޓީގައި ވިދާޅުވީ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރު ނެގިގެންދިޔަ މުހިއްމު ވޯޓުތަކުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ފައިސާ ނަގާފައިވާކަން މީޑިއާތަކުން ގެނެސްދޭ ހަބަރުތަކުން އެނގެން އޮންނަ ކަމަށެވެ. އަދި އޭރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ކަމުގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށްވެސް ޖާބިރުގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.

ޖާބިރު ވިދާޅުވީ މިހާރު ހިނގަމުންދާ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި މަޖިލިސް މެންބަރުން ތިއްބެވިކަމާއި ސަލާމަތީ ބާރުތަކާއި ފަނޑިޔާރުންވެސް އަދި ވިޔަފާރިވެރިންވެސް މި ހިޔާނާތުގެ މައްސަލާގައި ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެ ތަހުގީގު ކުރިއަށް ގެންދާއިރު އެންމެ ފުރަތަމަ ހާޒިރު ކުރެވޭ ފަރާތަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ވެއްޖެނަމަ ތަހުގީގު ކުރިއަށް ގެންދިއުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް