ބަޖެޓު 2020: ބަހުސަށް ކަނޑައެޅީ 21 ގަޑިއިރު

ސަރުކާރުން މަޖިލީހަށް ހުށަހަޅައިފައިވާ 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަން 21 ގަޑިއިރު، މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައަޅައިފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގ...

06 Nov 2019 | 08:00

ސަރުކާރުން މަޖިލީހަށް ހުށަހަޅައިފައިވާ 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަން 21 ގަޑިއިރު، މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓަށް ބަހުސް ކުރުމަށް އާންމު ކޮމިޓީން ކަނޑައެޅި އުސޫލަކީ، ފުރަތަމަ ފުރުސަތުގައި ކޮންމެ މެމްބަރަކަށް 15 މިނެޓު ކަމަށެވެ. އަދި ބަޖެޓު ދިރާސާކޮށް ކޮމެޓީން ނިމުމުން ކޮމެޓީ މަރުހަލާއަށްފަހު ކޮންމެ މެންބަރަކަށް ހަތް މިނެޓުގެ ފުރުސަތު ދިނުމަށްވެސް އާއްމު ކޮމެޓީން ނިންމާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް 45 މިނެޓްގެ ފުރުސަތެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.

ނަޝީދު ވިދާޅުވީ ބަޖެޓުގެ ބަހުސް އަންނަ އަންގާރަ ދުވަހު ފަށާނެ ކަމަށާއި، ބަހުސް ކުރިއަށް ގެންދަން ރޭގަނޑު ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

ބެޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާ މެމްބަރު މުހައްމަދު ނާޝިޒު އަދި ނައިބު މުގައްރަރަކަށް އަލިފުށި ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ ރޭ ހަމަޖައްސައިފަ އެވެ.

ބަޖެޓު ދިރާސާކުރުމުގެ މަސައްކަތްކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ އެއްކޮށްލައިގެން އުފައްދާ ވަގުތީ ކޮމިޓީންނެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ރަސްމީކޮށް ހުށަހެޅުއްވީ ހޯމަ ދުވަހު އެވެ. އެ ބަޖެޓަކީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް