ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމަށްޓަކާ އެމްޑީޕީގެ ޓިކެޓް ހޯދުމަށް، އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ދެ މީހަކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)އަށް އައްޔަން ކުރަން ފެންނަ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމައިފިއެވެ.
ކޮމެޓީން ރުހުން ދިން މީހުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް، ސިޔާސީ ހަރަކާތްތަކުގައި އެކްޓިވްކޮށް އުޅުނު ގދ. އަތޮޅު ކައުންސިލްގެ ކުރީގެ މެމްބަރު އަހުމަދު ޤައިސެވެ. ނިމިދިޔަ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ޤައިސް ވާދަ ކުރެއްވީ ތިނަދޫ އުތުރު ދާއިރާއަށެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުން 2012 ވަނަ އަހަރު ތިނަދޫގައި ހުޅުޖެހި މައްސަލާގައި ދައުވާ ލިބުނު 72 މީހުންގެ ތެރޭގައި ގައިސްގެ ނަން ހިމެނެއެވެ. އޭނާއަކީ ކުރީގެ ތިނަދޫ މެމްބަރު އަދި މިހާރުގެ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްގެ ކޮއްކޮއެވެ.
ބްރޯޑްކޮމްއަށް އައްޔަން ކުރަން ފެންނަ ނަންތަކުގެ ތެރޭގައި ނިމިދިޔަ މަޖިލިސް އިންތިހާބުގައި މައްޗަންގޮޅީ ދެކުނު ދާއިރާއަށް ވާދަކޮށް، ނާކާމިޔާބުވި ކުރީގެ ނޫސްވެރިޔާ އަހުމަދު ފައިރޫޒް ވެސް ހިމެނެއެވެ. ވީޓީވީ އާއި ރާއްޖެޓީވީ އާއި ސަންގުޓީވީގައި މަސައްކަތް ކުރި ފައިރޫޒް ވަނީ މިދިޔަ އަހަރު ޗެނަލް13ގައި ވެސް މަސައްކަތްކޮށްފައެވެ.
ބްރޯޑްކޮމްއަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ނަންތަކުގެ ތަރުތީބުން ކޮމެޓީން ދަނީ އިންޓަވިއު ކުރަމުންނެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެ ބޭފުޅުންނާ އިންޓަވިއުކޮށް، ބްރޯޑްކޮމްއަށް އައްޔަން ކުރަން ފެންނަ ނަންތައް ކޮމެޓީން ދަނީ ފާސްކުރަމުންނެވެ. ކޮމެޓީން ނަމެއް ފާސްކޮށް، ތަޅުމަށް ފޮނުވުމާމެދު ގޮތް ނިންމަނީ މެމްބަރުން އަތްހިއްލައިގެން ވޯޓުދީގެންނެވެ.
ބްރޯޑްކޮމުން ހުސްވެފައިވާ ދެ މަގާމަށް 36 މީހަކު ވާދަ ކުރެއެވެ. މިހާތަނަށް ކޮމެޓީން 16 ބޭފުޅުންނާ އިންޓަވިއުކޮށްފައިވެއެވެ.
އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ހިމެނޭ 12 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ. އެ ކޮމެޓީގައި ޕީޕީއެމްގެ ދެ މެމްބަރަކު ހިމެނިވަޑައިގަންނަވާއިރު، މިނިވަން މެމްބަރަކު ވެސް އެ ކޮމެޓީގައި އިންނަވައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރަކީ ރޮޒައިނާ އާދަމެވެ. އެ ކޮމެޓީގެ ނައިބު މުގައްރިރަކީ މީކާއީލު އަހުމަދު ނަސީމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް