ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ރިޔާޒް ރަޝީދު ހަމަޖައްސަވައިފި އެވެ.
ކުރީގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް ހަމަޖައްސަވާ ލިޔުން ހަވާލުކުރެއްވީ މިއަދު އެވެ.
ކުރިން އެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ. ނާޒިމް އެމަގާމުން އިސްތިއުފާދެއްވައި މިއަދު ވަނީ ޖޭޕީގެ ލީޑަރު ގާސިމަށް އިސްތިއުފާގެ ސިޓީ ފޮނުއްވާފައެވެ.
ރިޔާޒް ޖޭޕީ އާއި ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ. ރިޔާޒް ވަނީ 19 ވަނަ މަޖިލިސް އިންތިޚާބުގައި ޖޭޕީ ޓިކެޓުގައި ވިލުފުށީ ދާއިރާ އަށް ވެސް ވާދަކުރައްވާފައެވެ. ނަމަވެސް އެދާއިރާ ކާމިޔާބުކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފެވެ.
ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުންގެ ގޮތުގައި މިހާރުވެސް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ މަޖިލިސް މެންބަރު އިލްހާމް އަހުމަދު ތިއްބަވަ އެވެ.
އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ކުރީގެ މަޖިލިސް މެންބަރުންތަކަކާއި އެޕާޓީގެ ކުރީގެ އިސްބޭފުޅުންތަކެއް ޖޭޕީއަށް މިފަހުން ވަނީ ސޮއިކޮށްފަ އެވެ. އަދި ޖޭޕީގެ ޖަލްސާތަކުގެ ކުރީ ސަފުންނާއި ޖޭޕީގެ ބައެއް މުހިއްމު ކޮމިޓީތަކުގެ އިސް މަގާމުތަކުން އެ ބޭފުޅުން ފެނިގެންދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް