ސަމާލުވޭ: ހަލުވި ކަމާއެކު ފެތުރޭ ޖަރާސީމަކުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ރާސްބެރިރީއެއް ރާއްޖެ އެތެރެވެއްޖެ

ހަލުވި ކަމާއެކު ގައިން ގަޔަށް ފެތުރޭ ޖަރާސީމަކުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ރާސްބެރީއެއް ރާއްޖެ އެތެރެވެފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ. އެގޮތުން ...

06 Nov 2019 | 05:06

ހަލުވި ކަމާއެކު ގައިން ގަޔަށް ފެތުރޭ ޖަރާސީމަކުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ރާސްބެރީއެއް ރާއްޖެ އެތެރެވެފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެގޮތުން އެ އޮތޯރިޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ "ނޯރޯވައިރަސް" (Norovirus) ޖަރާސީމުން ތަޣައްޔަރު ވެފައިވާ ހިމްބީގަންޒް (Himbeeren) މަރުކާގެ ގަނޑުކުރި ރާސްބެރީ ދިވެހިރާއްޖެއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް (RASFF) މެދުވެރިކޮށް އެ އޮތޯރިޓީއަށް އަންގާފައިވާކަމަށެވެ.

"އެހެންކަމުން އެލާޓްއާއި ގުޅޭ އިތުރު މައުލޫމާތު ހޯދައި އެފަދަ އުފެއްދުން އަނބުރާ ބާޒާރުން ނެގުމުގެ މަސައްކަތް މި އޮތޯރިޓީން ދަނީ ކުރަމުންނެވެ" އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި މި އުފެއްދުން ޑިސްޓްރިބިޔުޓް ވެފައިވަނީ ހަމަ އެކަނި ރިސޯޓް ތަކަށް ކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާކަމަށެވެ.

"ވީމާ ތަޣައްޔަރުވެފައިވާ ރާސްބެރީ އެތެރެނުކުރުމަށާއި، ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އާއްމުކޮށް އަންގާ އިއުލާނު ކުރީމެވެ" އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބާނުގައި އިތުރަށް ބުނެފައިވާގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތި އެތެރެކުރާ، ވިއްކާ އަދި ބޭނުންކުރާ ފަރާތްތަކުން ފުރިހަމަ މައުލޫމާތު ނެތް ރައްކާތެރިކަން ކަށަވަރުނުވާ ގަނޑުކުރި ރާސްބެރީ އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށްވެސް އެމްއެފްޑީއޭއިން އަންގާފައިވެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ހިމްބީގަންޒް މަރުކާގެ ގަނޑުކުރި ރާސްބެރީއަށް ވަކި ހާއްސަ ސަމާލުކަމެއް ދީގެން ބޯޑާގައި ބަލާ ފާސްކުރަމުންދާކަމުގައިވެސް އެމްއެފްޑީއޭގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ނޯރޯ ވައިރަހަކީ ވަރަށް ނުރައްކާތެރި ވައިރަހެއްގެ ގޮތުގައި ސިއްހީ ބޭފުޅުން ސިފަކުރެއެވެ. އެ ވައިރަސް އިންސާނާގެ ހަށިގަނޑަށް ފޯރާތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލުންފަދަ އަލާމާތްތައް ފެންނަން ފަށައެވެ. އެކެއްގެ ގައިން އަނެކެއްގެ ގަޔަށް މި ވައިރަސް ވަރަށް އަވަހަށް ފޯރާކަމަށްވެސް ސިއްހީ ބޭފުޅުން ބުނެއެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލުން ލަފާކުރާގޮތުގައި ދުނިޔޭގައި އަހަރަކު 19 އާއި 21 މިލިޔަން މީހުން މި ވައިރަހުގެ ސަބަބުން ބަލިވެއެވެ. އަދި 56 ހާހާއި 71 ހާހާއި ދެމެދުގެ އަދަދެއްގެ މީހުން ހާލު ދެރަވެ އެނދުމަތި ކުރަން ޖެހޭއިރު މި ވައިރަހުގެ ސަބަބުން އަހަރަކު 570 އާއި 800 އާއި ދެމެދުގެ އަދަދަކަށް މީހުން މި ވައިރަހުގެ ސަބަބުން މަރުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް