ތޫފާން މަހާގައި އޮޔާގޮސް ރާއްޖެ ކައިރިއަށް އައި އިންޑިއާ މަސްވެރިންތަކެއް ސަލާމަތް ވެއްޖެ

ރާއްޖެ ސަރަހައްދުގައި އުފެދި ތޫފާނަކަށް ބަދަލުވި، ތޫފާން މަހާގައި ކަނޑުމަތީ އޮޔާގޮސް ރާއްޖެ ސަރަހައްދަށް އައި އިންޑިއާގެ މަސްވެރިންތަކެއް ސަލާމަތުން އިންޑިއާއަށް ގޮސްފިއެވެ. އެއީ އެ ކޮޅިގަނޑު ތޫފާނަކަ...

06 Nov 2019 | 03:44

ރާއްޖެ ސަރަހައްދުގައި އުފެދި ތޫފާނަކަށް ބަދަލުވި، ތޫފާން މަހާގައި ކަނޑުމަތީ އޮޔާގޮސް ރާއްޖެ ސަރަހައްދަށް އައި އިންޑިއާގެ މަސްވެރިންތަކެއް ސަލާމަތުން އިންޑިއާއަށް ގޮސްފިއެވެ.

އެއީ އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވި އިރު މަހަށް ނިކުމެ އުޅުނު މާތާ ނަމަކަށް ކިޔާ މަސްދޯންޏެއްގައި ތިބި 13 މަސްވެރިއެކެވެ. އެމީހުންނަށް ސަލާމަތުން އިންޑިއާއަށް ދެވުނު ކަމަށްވަނީ ހަތަރު ދުވަސް ފަހުންނެވެ.

އިންޑިއާގެ މީޑިއާތަކަށް މައުލޫމާތުދެމުން އެ ދޯނީގެ ކެޕްޓަން ސީ ރަމާނީ ބާއި ބުނެފައިވާގޮތުގައި އެމީހުން މަހަށް ނިކުތީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގައެވެ. އޭރު ކޮޅިގަނޑެއް އުފެދިފައިވާކަމެއްވެސް އެނގިފައެއް ނުވެއެވެ.

އަރަބިކަނޑަށް މަހަށް ނިކުމެ އުޅެނިކޮށް ތޫފާނާ ކުރިމަތިވެ ރާއްޖެއާ 280 ނޯޓިކަލް މޭލަށް ކައިރިވި ކަމަށާއި ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބި ދޯނީގައި ހުރި ކާތަކެތި ހުސްވެ، ބޯފެން ހުސްވެ ބައެއް ފަޅުވެރިންގެ ހާލު ވަރަށް ދެރަވި ކަމަށްވެސް ރަމާނީ ބާއީ ބުނެފައިވެއެވެ. ނަމަވެސް ސަލާމަތުން އަވަށަށް ދެވުނީތީ އުފާކުރާކަމަށް އޭނާ ބުނެފައިވެއެވެ.

ރާއްޖެ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ މިހާރު ހުރީ އަރަބި ކަނޑުގައެވެ. އިންޑިއާ އާއި ކައިރީގައެވެ. މިހާރު ހުރީ ބާރުގަދަ ތޫފާނެއްގެ ދަރަޖައިގައެވެ. ކޮޅިގަނޑެއްގެ ގޮތުގައި އޮތް އިރު އަދި ތޫފާނަކަށް ބަދަލުވި އިރު ރާއްޖެއަށްވެސް ތޫފާން މަހާގެ އަސަރު ކޮށްމެވެސް ވަރަކަށް ކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް