ރައީސް ދިގުރަށުގައި - ފޮޓޯ: ރައީސް އޮފީސް
އދ. ދިގުރަށު ރައްޔިތުންނަށް ގޯތި ދިނުމުގެ މައްސަލަ
ހައްލުކުރުމަށް، ރައްޔިތުން އެދޭގޮތަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކޮށްދެއްވާނެ
ކަމުގެ ޔަޤީންކަން ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެ މަނިކުފާނު މިކަމުގެ ޔަޤީންކަންދެއްވީ އދ.
އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ
އަތޮޅު ދިގުރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހާކަފުޅުދައްކަވަމުންނެވެ.
ދިގުރަށު ރައްޔިތުންގެ ގޯތި ގެދޮރުގެ މައްސަލަ ހައްލުކުރުމުގެ
މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ރަށުގެ ލޭންޑް ޔޫޒް
ޕްލޭނާއި އެކަމަށް ހެދިފައިވާ އުޞޫލަކީ، އެންމެ ފުރިހަމައަށް ހެދިފައިވާ އެއްޗެއްނޫންކަމަށެވެ.
މިހާރު ފާސްކުރެވިފައިވާ ލޭންޑް ޔޫޒް ޕްލޭނަށް ގޯތި އިތުރުކުރަން ރައްޔިތުން ބޭނުންވާކަން
ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އިތުރު 50 ގޯތި ދެވޭވަރަށް، ލޭންޑް ޔޫޒް ޕްލޭނާއި
އެކަމާގުޅޭ އުޞޫލު ހެދުމުގައި ސަރުކާރުން އެހީތެރިކަން ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.
ރައްޔިތުންނަށް އެންމެ އިންސާފުވެރިކޮށް ގޯތި ދިނުމުގެ ކަންކަން އިއުލާން ކުރެވިގެންދާ
ގޮތަށް އުޞޫލް ބައްޓަންކޮށް، ހައުސިންގ މިނިސްޓްރީން ކައުންސިލަށް އުސޫލު ފޮނުއްވާނެކަމަށްވެސް
އެމަނިކުފާނު ވިދާޅުވިއެވެ. އެ އުޞޫލު ރައްޔިތުންނަށް ހާމަކޮށް، ރައްޔިތުންގެ ޚިޔާލާއި
މަޝްވަރާއާއި އެކު ފައިނަލް ކޮށްދެއްވުމަށް ރައީސް ވަނީ ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައެވެ.
ދިގުރަށުގެ ތަރައްޤީއަށް ހިންގަވަން ނިންމަވާފައިވާ
މުހިންމު މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގެ
ތެރެއިން، ރަށުގައި މަސައްކަތްކުރާ ބޭރު މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން އިމާރާތެއް
އަޅުއްވާނެކަމަށެވެ. މީގެ އިތުރުން އެންމެ ފުރިހަމަ ފުޓުބޯޅަ ދަނޑެއްވެސް އަޅައިދިނުމަށް
ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި، ދިގުރަށު މަގުހެދުމުގެ މަޝްރޫޢާއި
ސްކޫލްގެ އައު އިމަރާތް ބިނާކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ވަނީ ޙަވާލުކުރައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން އދ. ދިގުރަށު
ޕޮލިސް ޕޯސްޓްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ
ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމުގެ އިތުރުން، އދ. ދަނގެތީ ޞިއްޙީ މަރުކަޒުގެ
އޮފީސް އިމަރާތް ވަނީ ހުޅުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް