ދަނގެތީގައި މަޝްރޫޢުތައް ކުރިއަށްދާނީ ރައްޔިތުން އެދޭގޮތަށް – އަންނަ އޭޕްރީލްގެ ކުރިން ޑޮލަރު އޭޓީއެމްވެސް ލިބޭނެ: ރައީސް މުޢިއްޒު

ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރުގެ މަޝްރޫޢަކީ އަރިއަތޮޅު ދެކުނުބުރީ ދަނގެއްޗަށް އެކި ގޮތްގޮތުން ނުހަނު ބޭނުންޖެހިފައި އޮތް ތިން މަޝްރޫޢުކަން ފާހަގަކުރައްވައި، މި މަޝްރުޢޫތައް ކުރިއަށް...

06 Oct 2025 | 10:35
ރައީސް އދ. ދަނގެތީގައި - ފޮޓޯ: ރައީސް އޮފީސް

ރައީސް އދ. ދަނގެތީގައި - ފޮޓޯ: ރައީސް އޮފީސް

ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރުގެ

މަޝްރޫޢަކީ އަރިއަތޮޅު ދެކުނުބުރީ ދަނގެއްޗަށް އެކި ގޮތްގޮތުން ނުހަނު ބޭނުންޖެހިފައި

އޮތް ތިން މަޝްރޫޢުކަން ފާހަގަކުރައްވައި، މި މަޝްރުޢޫތައް ކުރިއަށް ގެންދަވާނީ ރައްޔިތުން

އެދޭގޮތަށް ކަމަށާއި، މި މަޝްރޫޢުތައް ނިމިގެންދާއިރު، ޢުމްރާނީ އަދި އިޤްތިޞާދީ ގޮތުން

ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު

މުޢިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މިފަދައިން ޔަޤީންކަންދެއްވައި

ވާހަކަފުޅުދައްކަވާފައި މި ވަނީ އދ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު

ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ދަނގެއްޗަށް ވަޑައިގެން،

އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހާކަފުޅުދައްކަވަމުންނެވެ.

ދަނގެތީ ސްކޫލު ހޯލުގައި މިއަދު ހެނދުނު، ރައްޔިތުންނާ

ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަނދަރާއި،

ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާ، މި ތިން ކަމަކީވެސް ގުޅިލާމެހިފައި އޮތް

ތިން ކަންތައްކަމަށާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ

(އެމް.ޓީ.ސީ.ސީ) އިން މި ތިން މަސައްކަތް ކުރިއަށްގެންދަވާނީ ރައްޔިތުން ބޭނުންވާ ގޮތަށް

ކަމަށެވެ. އަދި މިއީ ރަށުގެ ތަރައްޤީއަށްޓަކައި ވަރަށް ބޮޑަށް ހައްލުކުރަން ޖެހިފައި

އޮތް ތިން މައްސަލައަށްވާއިރު، މި މަޝްރޫޢުތައް ކުރިއަށް ގެންދަވާނީ ވަރަށް ބޮޑު އިސްކަމެއް

ދެއްވައިގެން ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، އދ. ދަނގެތީގެ ތަރައްޤީއަށްޓަކައި ކުރިއަށް

ގެންދަވާ، އަދި ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ އިތުރު ބައެއް މަޝްރޫޢުތަކަށް

އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން، މިއަދު ސޮއިކުރެވުނު ދަނގެތީ ސްކޫލުގެ 10

ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫޢު ނިމިގެންދިއުމުން ދަރިވަރުންނާއި

ބެލެނިވެރިން އަދި ޖުމުލަ ގޮތެއްގައި ހުރިހާ އެންމެންނަށްވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް

ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިމަސައްކަތް ނިމުމުގެ

ކުރިންވެސް، ސްކޫލުގެ ކުލާސްރޫމްތަކާއި، މިހާރު ބޭނުންކުރަމުންދާ ހޯލާއި އެނޫންވެސް

މުހިންމު ތަންތަން ފިނިކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ

ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާ ތަރައްޤީކުރެއްވުމަށް ކުރައްވަމުން ގެންދަވާ

މަސައްކަތްޕުޅުތަކުގެ ތެރެއިން، ބިން ހަމަޖެހިގެން ދިއުމާއެކު ހެލްތު ސެންޓަރުގެ އެކްސްޓެންޝަން

ޢިމާރާތުގެ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި

ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމް ފުޅާވެފައި އޮތް ރަށެއްކަން ފާހަގަކުރައްވައި، 2026

ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، ޑޮލަރު އޭ.ޓީ.އެމްގެ ޚިދުމަތްވެސް

ރަށުގައި ތަޢާރަފުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ހަމަ މިއާއެކު 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އދ. ދަނގެތީގައި ޒަމާނީ

ފުޓުބޯޅަ ދަނޑެއްވެސް ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން

އދ. ދަނގެތީ ފުލުހުންގެ މަރުކަޒު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމާއި،

ކައުންސިލް އިދާރާ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމުގެ އިތުރުން،

އދ. ދަނގެތީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް