ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީއިން ހިންގަމުން ގެންދާ ޔަންގް ލީޑާސް ޓްރެއިނިންގ ޕްރޮގްރާމް ފޮރ މޯލްޑިވްސްގެ މި އަހަރުގެ ބައިވެރިން ޖަޕާނަށް ފުރައިފިއެވެ.
މި ޕްރޮގްރާމް މިއަހަރު އޮކްޓޯބަރ މަހުގެ 6-24 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިއަހަރުގެ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ދަނޑުވެރިކަމުގެ ދާއިރާއަށެވެ.
"ޖަޕާނުގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގެ ބައިވެރިން ފަހެއް އޮކްޓޯބަރ ގައި ވަނީ ޖާޕާނަށް ދިއުމަށް ފުރާފައެވެ. މިޕްރޮގްރާމްގައި ފުވައްމުލައް، ރ. ފައިނު، ތ. ކަނޑޫދޫ، ފ. ދަރަނބޫދޫގެ އިތުރުން މި މިނިސްޓްރީން ހަނިމާދޫގައި ޤާއިމްކޮށްފައިވާ އެގްރިކަލްޗަރ ސެންޓަރުގެ މުވައްޒަފެއް ބައިވެރިވެއެވެ. " ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
ޖަޕާނުގެ ރަށްފުށުގެ ތަރައްޤީގައި ދަނޑުވެރި ގްރޫޕްތަކުގެ ދައުރާއި، ޖަޕާނު ސަރުކާރުގެ މައިގަނޑު ޞިޔާޞަތުތަކާއި އިދާރީ ހިންގުމުގެ އޮނިގަނޑު އެކުލަވާލާފައިވާ ގޮތުގެ އަސާސީ މައުލޫމާތުތަކާއި ރަށްފުށުގެ ތަރައްޤީގެ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ޖަޕާނުގެ ތަޖުރިބާތަކުން ފިލާވަޅު ލިބިގަތުމާއި އެފަދަ އިޖްތިމާޢީ މަސައްކަތްތައް ކުރިއަށްދާގޮތް އަމިއްލައަށް ތަޖުރިބާކުރުން މި ޕްރޮގްރާމްގައި ކުރިއަށްގެންދާކަމުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޖަޕާނަށް ކުރާ މިދަތުރުން ދަސްވި ކަންކަމުގެ ތެރެއިން ރާއްޖޭގެ ރަށްފުށު ތަރައްޤީގައި ބޭނުން ހިފޭނެ ކަންތައްތައް ދެނެގަނެ އެކަންކަން އަމަލީގޮތުން ކުރިއަށް ގެންދިއުމަށް އެކްޝަން ޕްލޭންއެއް އެކުލަވާލުން ހިމެނޭ ކަމަށާއި މިޕްރޮގްރާމަކީ ލާމަރުކަޒީ އުޞޫލުން ޕްރޮގްރާމްތައް ބައްޓަންވެ ދަނޑުވެރިންނާއި ކައިރިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް މި މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމުގައި އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް