މިދިޔަ މަހުގެ 20 ވަނަ ދުވަހު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ އިން ހުޅުވި މާލޭ ފަޔާ ރިލީފް އެކައުންޓަށް 2.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އޮތޯރިޓީ އިން ބުނެފި އެވެ.
ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ފަޔާ ރިލީފް ފަންޑު މިއަދު ހަތަރެއް ޖަހާއިރު ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެވަގުތާއި ހަމައަށް އެ ކައުންޓަށް ޖުމްލަ 2.53 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޑިޒާސްޓާއިން ބުންޏެވެ.
މި ހާދިސާގައި ޖުމްލަ 9 އިމާރާތަކަށް ގެއްލުންވެ، އެ އިމާރާތްތައް ވަނީ ތަޅާލައިފައެވެ. މީހުންނަށް ދިރިނޫޅެވޭ ވަރަށް ހަ އިމާރާތަކަށް ގެއްލުން ވެފައިވާ ކަމަށާއި މަރާމާތަށް ބޭނުންވާ ފަސް ގެ އެބަހުރި ކަމަށް ޑިޒާސްޓާއިން ބުންޏެވެ. މި ހާދިސާގައި700އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. އަދި އެކަކު ވަނީ މި ހާދިސާގައި މަރުވެސް ވެފައެވެ.
ހ. ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑުގެ އަސަރު އެ ސަރަހައްދުގައި ހުރި 26 ގެއަކަށް ކޮށްފައިވެއެވެ. މީގެކުރިން އެ އޮތޯރިޓީން ބުނީ މިފަދަ ހާދިސާތަކުގައި ލިބޭ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޑިޒާސްޓާއިން ދެނީ ގެއްލުމުގެ 20 ޕަސެންޓު ކަމަށެވެ. އެއީ އެ އޮތޯރިޓީގެ ގަވާއިދުގައި އެކަން އޮންނަ ގޮތް ކަމަށް ޑިޒާސްޓާއިން ބުންޏެވެ.
https://twitter.com/NDMAmv/status/1180814554436997122?s=20
އެހެންނަމަވެސް ލިބުނު އެހީއާއެކު ދޭ ބަދަލު ވިހި ޕަސެންޓަށްވުރެ ބޮޑުވާނެ ކަމަށް ޑިޒާސްޓާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް