ކުރީގެ ރައީސުން އެހެން މަގާމެއް އަދާ ކުރާނަމަ އެއް އިނާޔަތް އުނިކުރަން ހުށަހަޅައިފި

ރައީސް ކަން ކުރެއްވި ބޭފުޅަކު ދައުލަތުގެ އެހެން މަގާމެއް އަދާ ކުރައްވާއިރު، ކުރީގެ ރައީސުންނާއި ދައުލަތުގެ ބަޖެޓުން ދޭ އިނާޔަތުގެ ފައިސާ އާއި މަގާމުގެ މުސާރައިގެ ފައިސާގެ ތެރެއިން ކޮންމެ ވެސް އެއް އިނ...

06 Oct 2019 | 12:44

ރައީސް ކަން ކުރެއްވި ބޭފުޅަކު ދައުލަތުގެ އެހެން މަގާމެއް އަދާ ކުރައްވާއިރު، ކުރީގެ ރައީސުންނާއި ދައުލަތުގެ ބަޖެޓުން ދޭ އިނާޔަތުގެ ފައިސާ އާއި މަގާމުގެ މުސާރައިގެ ފައިސާގެ ތެރެއިން ކޮންމެ ވެސް އެއް އިނާޔަތެއް ނަގަން އިހުތިޔާރު ކުރާ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ހުށަހަޅައިފި އެވެ.

ކުރީގެ ރައީސުންނަށް ދޭން ޖެހޭ ރައްކާތެރި ކަމާއި އިނާޔަތުގެ ގާނޫނަށް ގެނައި އިސްލާހު ދިރާސާ ކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ކޮމެޓީގެ ނާއިބު މުގައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ މިއަދު ރައްޔިތުން މަޖިލީހުން އެކަމުގެ މިސާލެއް އެބަ ފެންނަ ކަމަށެވެ. ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވާ އީސަ ވިދާޅުވީ އެމަނިކުފާނަކީ ކުރީގެ ރައީސެއް ކަމަށެވެ.އީސަ ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ނަޝީދު ވަޑައިގަތުމުން އިނާޔަތުގެ އެއްބައި ނެގި ކަމަށެވެ. ނަމަވެސް އެގޮތަށް ހުރިހާ ބޭފުޅުން ކަން ކުރައްވާފާނެ ކަމަށް ގަބޫލު ކޮށްގެން ނުވާނެ ކަމަށް އީސަ ވިދާޅުވިއެވެ.

އީސަގެ ވާހަކައާ ހިޔާލު ތަފާތުކޮށް ވާހަކަދެއްކެވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދެވެ. އޭނާ ވިދާޅުވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް އިންތިހާބީ އެހެން މަގާމެއް އަދާ ކުރެވިދާނެ ކަމަށެވެ. އަދި އެމީހެއްގެ ގާބިލިއްޔަތުކަން ހުރި ކަމަށްވާ ނަމަ އެކަމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އިނާޔަތުގެ ތެރެއިން ހުރިހާ އިނާޔަތެއް ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭން ނުޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް 50،000 ރުފިޔާ އިނާޔަތެއްގެ ގޮތުގައި ދެވިދާނެ ކަމަށެވެ. ނަމަވެސް ގޭގެ ހަރަދާއި އޮފިސް ހަރަދަކީ ދޭންޖެހޭ އެއްޗެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަސަން ވިދާޅުވިއެވެ.

ރައީސް ކުރީގެ ރައީސަކަށް ދޭ މާލީ އިނާޔަތާއި އެކޮމޮޑޭޝަން އެލަވަންސް އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އިނާޔަތުގެ ގޮތުގައި މަހަކު 172،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް އެމަނިކުފާނު އިންތިހާބުވުމުން މުސާރައާއި އެލަވަންސްގެ ގޮތުގައި 73،125 ރުފިޔާ ލިބިލައްވާނެ އެވެ. އެހެން ކަމުން ދައުލަތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ކޮންމެ މަހަކު ވެސް ދޭ މުސާރައާއި އެލަވަންސްތަކުގެ ޖުމްލަ 245،125 ރުފިޔާއަށް އަރަ އެވެ. ނަޝީދު ވަނީ އަމިއްލަފުޅަށް އޭގެއިން ބައެއް އުނި ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް