ރާއްޖެއިން މަސް ބޭރު ކުރި މިންވަރު މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށްވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭއިން) އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 3.4 އިންސައްތަ ދަށަށް ހިނގައްޖެއެވެ.
މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް ރާއްޖެއިން 39،443.7 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. ނަމަވެސް މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް އެކްސްޕޯޓްކޮށްފައި ވަނީ 38،083 މެޓްރިކް ޓަނުގެ މަހެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް 18 ހާސް މެޓްރިކް ޓަނުގެ ކަޅުބިލަ މަހާއި، 11 ހާސް މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެއެވެ.
ކަޅުބިލަ މަހާއި ކަންނެލީގެ ބާވަތްތައް ނުހިމެނޭ ގޮތަށް އެކްސްޕޯޓްކޮށްފައި ވަނީ 885 މެޓްރިކް ޓަނުގެ މަހެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެކްސްޕޯޓްކޮށްފައި ވަނީ 1385 ޓަނުގެ މަހެވެ.
ގަނޑުކުރި މަސް އެކްސްޕޯޓްކުރި މިންވަރު ވެސް މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ދަށްވެފާވާއިރު މިއީ މިދިޔަ އަހަރުގެ އޯގަސްޓުމަހު އެކްސްޕޯޓްކުރި މިންވަރާ އަޅާ ބަލާއިރު 36.2 އިންސައްތައިގެ ދަށް އަދަދެކެވެ.
ދަޅު މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ އިތުރުވެފާ ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ވަނީ 5702 މެޓްރިކް ޓަނުގެ ދަޅު މަސް އެކްސްޕޯޓްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް