ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ދަރަނީގެ މިންވަރު އޭގެ ހަގީގީ މިންވަރަށް ކުޑަކުރަން ޗައިނާއިން ޖެހޭނެ ކަމަށް ބުނެ އަނެއްކާވެސް ޗައިނާއަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.
އިންޑިއާގެ ދަހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޗައިނާއާ އެކުގައި ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެއްބަސްވުން އެ އޮތް ގޮތަށް ކުރިއަށް ގެންދަން ރައްޔިތުން މަޖިލީހުން ބޭނުންވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޗައިނާއާ އެކުގައި އިތުރު ގޮތްތަކެއް ހޯދަން އެމްޑީޕީގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ރާއްޖޭގައި ހިންގާފައިވާ މަޝްރޫއުތަކުގެ އަގު ބޮޑު ކަމަށާއި އެކަންކަމަށް ކަނޑައަޅާފައިވާ އަގުތަކަކީ އެކަށީގެންވާ އަގުތަކެއް ނޫން ކަމަށެވެ. އެހެންކަމަށްވީ ނަމަވެސް ޗައިނާއާ ރާއްޖެއާ އޮތީ ގާތް ގުޅުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމަނުކުފާނު ވިދާޅުވީ ގޮތްތަކެއް ހޯދުމަށްވުރެ "އުސޫލުތަކުގައި ހިފެހެއްޓުމަކީ" ބޭނުންތެރި ކަމެއް ކަމަށެވެ.
ރައީސް ނަޝީދު ޗައިނާއަށް ފާޑު ވިދާޅުވެ ދާދިފަހުން އިންޑިއާގައި އޮތް އިކޮނޮމިކް ފޯރަމެއްގައިވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެކަމާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ އިންޑިއާއާ ޗައިނާ ޖެއްސުމަށް މަސައްކަތް ކުރުމަކީ ނަޝީދު ކުރައްވާ ބޭކާރު ކަމެއް ކަމަށް ވިދާޅުވެ އެ ވާހަކަތައް ރައްދު ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް