ޖިނާއީ ކުށްތަކެއްގެ ތުހުމަތު ކުރެވޭ ދެ ބިދޭސީން ރާއްޖެއިން ޑީޕޯޓު ކޮށްލި މައްސަލާގައި އިިގްރޭޝަނުގެ ވެރިން މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.
އެގޮތަށް ހާޒިރު ކުރުމަށް ނިންމީ މިއަދު ބޭއްވި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގެ ބައްދަލުވުމުގައި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމު އިމިގްރޭޝަން ހާޒިރު ކުރުމަށް ހުށަހެޅުމުންނެވެ.
ހުށަހެޅުން ހުށަހަޅުއްވަމުން އުޝާމް މިއަދު ކޮމެޓީގައި ވިދާޅުވީ އެ މައްސަލާގައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އެހެންކަމުން ސިޓީއަކުން ނަމަވެސް އެކަން ހިނގާފައިވާ ގޮތް ބެލުމަށް އެދެންޖެހޭ ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމްގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކޮމެޓީގެ ނާއިބު މުގައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސައެވެ.
ދެ ބިދޭސީން ޑީޕޯޓު ކޮށްލި މައްސަލައަށް މެންބަރުން ދެއްކެވި ވާހަކަފުޅަށް ބެލުމަށްފަހު ކޮމެޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ އެކަން ހިގާދިޔަ ގޮތް ސާފުކުރުމަށް ސިޓީއަކުން އެންގުމަށްފަހު ހާޒިރު ކުރަން ފެންނަ ކަމަށްވާ ނަމަ ހާޒިރު ކުރާނީ ކަމަށެވެ.
ނަމަވެސް އިނގުރައިދޫ ދާއިރާގެ މެންބަރު އަހުމަދު ހަސަން ވިދާޅޫވީ އެކަމުގައި އިތުރު ވަގުތު ބޭކާރު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެހެންކަމުން މަޖިލީހަށް ހާޒިރުވުމަށް ސިޓީއެއް ފޮނުވުން މާ ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ޑީޕޯޓް ކޮށްފައި ވަނީ ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓުކޮށް އަދި ހުއްދަނެތި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން ދިޔަ ބިދޭސީ މީހަކާއި މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭ ބަންގްލަދޭޝް ދެމީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް