ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕެންޝަން އޮފީހުން ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުމުގެ އެސޯސިއޭޓް ޕާޓްނަރުގެ ގޮތުގައި މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަނުން، ފެންޝަން އޮފީހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޕެންޝަން އޮފީހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު މުޙައްމަދު ޙުސައިން މަނިކުއެވެ. އަދި މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މައުރޫފް އަހްމަދެވެ.
"ތްރީ ގެނެރޭޝަން ވޯކް"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހިނގާލުމަކީ ކުޑަކުދީންނާއި މައިންބައިފައިން އަދި މާމާ/ކާފައިން ހިމެނޭ އާއިލާތަކުގެ ތިން ޖީލު ބައިވެރިވާ ގޮތަށް އިންތިޒާމު ކުރެވޭ ހިނގާލުމެކެވެ.
އެގޮތުން މި ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހު 18 ވާ ހުކުރު ދުވަހު ހަވީރު 4:00 އިން ފެށިގެން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. މި ހިނގާލުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ވެބްސައިޓް https://3genwalk.pension.gov.mv/ މެދުވެރިކޮށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
މި ހިނގާލުމުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ގެ ގިނަ އިނާމު ތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހިނގާލުމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުވަތުން ހޯވޭ ނަސީބުވެރި ތިން ފަރާތަކަށް 2000 ރުފިޔާ ދިނުމުގެ އިތުރުން، ތިން ޖީލަށް ވުރެ ގިނަ ޖީލުތައް ހިމެނޭ ގޮތަށް ބައިވެރިވާ އާއިލާތަކުގެ މެދުގައި ނެގޭ ގުރުވަތުން ހޮވޭ އާއިލާ އަކަށް 3000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހިނގާލުމުގައި ބައިވެރިވާ އާއިލާތަކުގެ ތެރެއިން އެންމެ ދޮށީ މީހަކު ހިމެނޭ އާއިލާ އަކަށް ވެސް 3000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި ހިނގާލުމުގެ ބޭނުމަކީ އުމުރުން ދުވަސްވީ މީހުނަށް ކޮށްދެވެން ހުރި ހުރިހާ ކަމަށް ކޮށްދިނުމާއި، އެ މީހުންގެ އަގު ވަޒަންކޮށް، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް