ޕަޕަރާޒީން ކައިރީ ފޮޓޯ ނުނެގުމަށް އެދެން އެމީހުންނަށް އެންމެ ކަމުދާ ޖޫނިއަރ ތަރި، ތައިމޫރް އަލީ ޚާން ދަސްކޮށްފި ކަމަށް އޭނާގެ ބައްޕަ ސައިފް އަލީ ޚާން ބުނެފިއެވެ.
ސައިފް ބުނިގޮތުގައި، އަބަދުމެ ފަހަތުން ޕަޕަރާޒީން ދުވާތީ ތައިމޫރު ވެސް އެކަމާ ވަރަށް ހިތްހަމަނުޖެއެވެ. އަދި އެންމެ ދެ އަހަރުގެ ތައިމޫރް މިހާރު "ނޯ ޕިކްޗާސް ޕްލީޒް" އޭ ބުނަން ދަސްކޮށްފި ކަމަށް އޭނާ ބުންޏެވެ.
ސައިފް އާއި އަންހެނުން ކަރީނާ ދިރިއުޅޭ ގޭ ދޮށުގައި ޕަޕަރާޒީން އަބަދުމެ ފާރަލަމުން ދާތީ، އެކަމާ އުނދަގޫވެގެން އަވަށްޓެރިން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ. އޭގެ ފަހުން ސައިފް ވަނީ ޕަޕަރާޒީންނާއި ވާހަކަ ދައްކައި، ގޭދޮށަށް ނައުމަށް އެމީހުން ކައިރިން އެދިފައެވެ.
ތައިމޫރަކީ ޕަޕަރާޒީން އެންމެ ގިނައިން ފާރަލާ ޖޫނިއާ ތަރި ކަމަށްވާއިރު، ތައިމޫރުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުނުވާ ދުވަހެއް މަދުވާނެއެވެ. ޕަޕަރާޒީންގެ އުނދަގުލާއި ހެދި ސައިފް ކައިރިއަށް ރުޅި އައިސްގެން އެމީހުންނާއި ދިމާލަށް އެއްޗެހިގޮވި ކަމުގެ ޚަބަރުތަކެއް ވެސް މީގެ ކުރިން ވަނީ ފެތުރިފައެވެ.
ކަރީނާ އާއި ސައިފް މިހާރު ވެސް ދަނީ ފިލްމްތަކެއްގެ މަސައްކަތް ކުރަމުންނެވެ. ތައިމޫރްގެ ކަންކަން ބަލަހައްޓަނީ އެކަމަށް ހާއްސަކުރެވިފައިވާ ނެނީ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް