މިދިޔަ ހަފްތާ 100 އަށްވުރެ ގިނަ އުޅަނދު ޓޯވ ކޮށްފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.
ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުމްލަ 105 އުޅަނދެއް ވަނީ ޓޯވކުރެވިފައެވެ. އެއީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ފުލުހުން ވެހިކަލް ޓޯވ ކުރި އަދަދެވެ.
ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވ ކުރާނެ ކަމަށް މިދިޔަ ހަފްތާގެ ތެރޭގައި ފުލުހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ބައެއް ޚާއްސަ ސަރަހައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާނަމަ އުޅަނދުތައް ޓޯވ ކުރެވޭނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވިގޮތުގައި، ބޮޑުތަކުރުފާނު މަގުގެ މެހެލި ގޯޅި ހިސާބާއި، އެމްޓީސީސީ ފެރީޓާމިނަލް ކުރިމަތިން ފެށިގެން އެމަގުގައި ހުންނަ ބީއެމްއެލްގެ އޭޓީއެމްއާ ދެމެދުގެ ސަރަހައްދާއި، އަމީނީމަގު ބީއެމްއެލް ކަސްޓަމަރ ސަރވިސް ސަރަހައްދާއި، ކަނބާއައިސާ ރަނި ހިނގުމުގެ އައިޖީއެމްއެޗް ހިމެނޭ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރެވޭ އުޅަނދުތައް ޓޯވ ކުރާނެ ކަމަށެވެ.
އަދި މި ނޫނަސް އެހެން ސަރަހައްދުތަކުގައި ވެސް އެފަދައިން ޕާކު ކުރާނަމަ އުޅަނދުތައް ޓޯވ ކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވ ކުރަން ފަށާފައި މިވަނީ ސްޓިކާ ޖަހައިގެން ވެސް ޤަވާއިދާ ޚިލާފަށް ޕާކުކުރުން މަދު ނުވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް