ކުރީގެ އަދަދާ ގުޅޭ...
"ޝައި ދެން ކުޑަކުޑަ ލިޕްސްޓިކް ކޮޅެއް ހާކާލަބަލަ" ޝައިލާގެ ތުންފަތުގައި ލިޕްސްޓިކް ހާކައިލަމުން ސުމާ ބުނެލިއެވެ. ސުމާ ހަމަ ހާކާއިރަށް ޝައިލާ ޓިޝޫއަކުން ފުހެލައެވެ. ސުމާ ގޮތްދޫނުކުރުމުން ވަރަށް ފަނޑުކޮށް މަޑު ފިޔާތޮށިކުލައެއް ތުންފަތުގައި ޝައިލާ ހާކައިލިއެވެ.
ރޭގަނޑު ނުވައެއް ޖަހަން ފަސްމިނެޓަށް ވުމުން ޝައިލާގެ އަތުގައި ހިފައިގެން ސުމާ ގެއިން ނިކުތެވެ. ހީވަނީ ތަނަކަށް ގަޑިއަކަށް ދާން ނިކުތްހެންނެވެ.
"ދާތަނެއް ބުނެބަލަ އަޅެ" ސައިކަލަށް އަރަމުން ޝައިލާ ބުނެލިއެވެ.
"ޑިނާއަށް" ވައިގެ ތެރެއިން ސުމާގެ އަޑު އައީ ފަނޑުކޮށެވެ.
ސުމާ ގޮސް ސައިކަލު މަޑުކޮށްލީ ކާނިވާ ތެރޭގައެވެ. ސިޓްރޯން ރެސްޓޯރެންޓްގެ އޯޕަން އޭރިއާގެ އެންމެ ކަނުގައި ހުރި މޭޒުގައި ދެމީހުން ގޮސް އިށީނެވެ. ވައި ގަދަ ނަމަވެސް މާހައުލުގެ ފިނިމިން ހުރީ އާދައިގެ ވަރަކަށެވެ. އިސްތަށިގަނޑު މާބޮޑަށް މޫނުމަތީގައި ކޭއްތޭތީ، އަތުގައި އޮތް ރަބަރުބޭންޑުން ޝައިލާ ބޯ އައްސައިލިއެވެ.
"ދެން މިހާ އަގުބޮޑު ތަނަކަށް އަންނަން ޖެހޭތަ؟" މޫދަށް ބަލައިލަމުން ޝައިލާ ޝަކުވާކޮށްލިއެވެ. އެތަނުގައި މީހުން ގިނަކަމުން ޝައިލާ އިނީ ކުޑަކޮށް ހިތްނުތަނަވަސްވެފައެވެ.
"އޭ ސުމް އެބަ އަންނަން އިނގޭ ސުމްގެ ވަރަށް ކްލޯޒް ފްރެންޑެއް ދެންމެ މިތަނަށް ވަންނަނިކޮށް ފެނިގެން މެސެޖްކޮށްފި" ކުޑަކޮށް ގޮނޑި ދުރުކޮށްލަމުން ސުމާ ބުނެލިއެވެ.
"ޝައިވެސް ދާނަން" ސުމާ ފަހަތުން ދާން ޝައިލާ ވެސް އުޅުނެވެ. ނަމަވެސް ސުމާ އެދުނީ އެތަނުގައި މަޑުކޮށްލައިގެން އިނުމަށެވެ. ވަރަށް އަވަހަށް އަންނާނަން ކަމަށް ބުނެ ސުމާ އެތަނުން ނިކުމެގެން ހިނގައްޖެއެވެ. ސުމާ ނިކުމެގެން ދިއުމުން ޝައިލާ އިނީ މޫދަށް ބަލަހައްޓައިގެންނެވެ.
އެހެން އިންނަތާ އިރުކޮޅެއް ފަހުން މީހަކު އައިސް މޭޒުކައިރީ އިށީނެވެ.
"މޫދަށް އެރޭހިތްވަނީ... މިހާރު ނޭންގެ ފަތަން އިނގޭނެ ކަމެއް ވެސް... ތިންގްސް ގޮޓް ޗޭންޖްޑް... އައި ވިޝް އެހެން ނުވިނަމަ މިހާރު ޝައި އަށް ކިޔާނީ ޑޮކްޓަރު ޝައިލާ ކަންނޭންގެ ދޯ ސުމް" ސުމާ އަށް ދޯ ދެމުން ކުރިމަތީ އިން މީހާގެ މޫނަށް ބަލައިލި ވަގުތު ޝައިލާގެ ނޭވާ ހުއްޓުނުކަހަލައެވެ. ލައިލައި އިން ނޭވާ ކަރުބުޑުގައި ތާށިވިއެވެ.
"ހައި ޑޮކްޓަރ ޝައިލާ" ޝައިލާގެ މޫނަށް ބަލައިލަމުން ނަޒާން ބުނެލިއެވެ. ޝައިލާ އަށް ކަޅިވެސް ޖަހައިލެވުނީ ނަޒާން އަނގައިން ބުނުމުންނެވެ.
"ރިލެކްސް ކަމެއް ކުރާކަށް ނޫން މިއައީ... ޖަސްޓް ވޯންޓެޑް ޓު ޓޯކް ޔޫ" އަނެއްކާވެސް ނަޒާން ބުނެލިއެވެ. ދެންވެސް ޝައިލާ އަށް އިނދެވުނީ ނަޒާންގެ މޫނަށް ބަލަހައްޓައިގެންނެވެ.
"ކީއްވެތަ އަބަދު ފެންނައިރަށް ބަލަހައްޓައިގެން އިންނަނީ؟ ވާހަކަ ނުދެއްކޭ މަންމަން ކުއްޖެއްތަ؟" އަނެއްކާވެސް ނަޒާން އަހައިލިއެވެ. އެވަގުތު މެނޫ ހިފައިގެން ވެއިޓަރު އައިސް މަޑުކޮށްލައިފިއެވެ.
"ޝައި ކޯންޗެއްތަ ކާނީ؟" ނަޒާން އަހައިލިއެވެ.
"ނަޒާން ކާ އެއްޗެއް" ޝައިލާގެ ކަރުބުޑުން އަޑު ނިކުތެވެ. ބުނެވުނު އެއްޗެއް ވިސްނުމުން ދެފަހަރު އަވަސް އަވަހަށް އެސްފިޔަ ޖަހައިލުމަށްފަހު މޫދަށް ނަޒަރު ހިންގައިލިއެވެ. ނަޒާން ހީލުމަށްފަހު ދެ ތައި ނޫޑްލްސް އަށް އޯޑަރު ދިނެވެ. ވެއިޓަރު ދިއުމުން އަނެއްކާވެސް ޝައިލާގެ ސަމާލުކަން އަތުލެވޭތޯ މަސައްކަތް ކުރިއެވެ.
ޝައިލާ ފޯނު ނަގައި ސުމާ އަށް ގުޅައިލިއެވެ. ފޯނު ރިންގް ވުމުގެ ކުރިން ނަޒާން އެ ފޯނު އަތުލައި ކަނޑައިލިއެވެ.
"މީ ސުމާ އަހަންނަށް ދިން ވަގުތުކޮޅެއް... ވާހަކަދައްކަބަލަ ޝައި" ޝައިލާގެ ފޯނު ނަޒާން ކައިރީ ބާއްވައިލަމުން އޭނާ ބުނެލިއެވެ.
"ފައިން އައި ވިލް ޓޯކް... ޝައި އަށް އަހަރެން ފެނުނީމަ ގޮތެއްވޭތަ؟" ސީދާ ޝައިލާގެ ލޮލަށް ބަލަން އިނދެ ނަޒާން އަހައިލިއެވެ. އަދިވެސް ކުރިމަތީގައި އެއިނީ ނަޒާން ކަމާއިމެދު އޭނާ އަށް ޝައްކެވެ. ނަޒާންގެ ސިފައިގައި އެތާ އެއިނީ ސުމާ ބާއޭ ހިތައްއެރީ ކިތައްފަހަރު ކަމެއް ވެސް ނޭންގެއެވެ.
"ޝައި ކޮބާ ޖަވާބު؟ ގޮތެއްވޭތަ؟" ޝައިލާ އެއްޗެއް ނުބުނުމުން ނަޒާން އަހައިލިއެވެ. ކަޅިޖަހާނުލައި ނަޒާންގެ މޫނަށް ބަލަން އިނދެ ޝައިލާ ބޯ ޖަހައިލިއެވެ. ޝައިލާގެ އެޖަވާބުން ނަޒާނަށް ވެސް އިނދެވުނީ ޝައިލާގެ މޫނަށް ކަޅިޖަހާނުލައި ބަލަހައްޓައިގެންނެވެ.
"ތުރުތުރު އަޅަނީ ދޯ؟" މޭޒުމަތީގައި ބާއްވާލައިފައި އޮތް ޝައިލާގެ އަތައް ކަޅިއެއް އެއްލަމުން ނަޒާން އަހައިލިއެވެ. ވަގުތުން ޝައިލާގެ އަތް ދަމައިގަތެވެ.
"ބިޓެއް ހުރޭތަ؟" އަނެއްކާވެސް ނަޒާން އަހައިލިއެވެ. މަޑުމަޑުން ޝައިލާ މިފަހަރުވެސް ބޯ ހޫރައިލީ ނަޒާންގެ މޫނަށް ކަޅިޖަހާނުލައި ބަލަން އިނދެ އެވެ.
"އަހަރެން ކަމުދޭތަ؟" އަނެއްކާވެސް ނަޒާން އަހައިލިއެވެ. ހީވަނީ އޭނާ އެއައީ ކުރާނެ ސުވާލުތަކެއް ތައްޔާރުކޮށްގެންނެވެ. ބޭނުންވާ ހުރިހާ ސުވާލެއްގެ ޖަވާބު މިރޭ ހޯދާނެ ކަހަލައެވެ.
"ޝައި؟" ޝައިލާ އަނގައިން ނުބުނުމުން ނަޒާން އަނެއްކާވެސް އަހައިލިއެވެ.
ޗާބީ ދީފައި އިން ބުދެއް ފަދައިން މިފަހަރުވެސް މަޑުމަޑުން ޝައިލާ ބޯ ޖަހައިލިއެވެ. ހީވަނީ ރިމޯޓަކުން މީހަކު އޭނާ ކޮންޓްރޯލް ކުރަމުން ދިޔަހެންނެވެ. އާނ އެކެވެ. ނަޒާންގެ ސޫރަ އެދަނީ އޭނާގެ ހިތް ރަގަޅަށް ވެސް ކޮންޓްރޯލް ކުރަމުންނެވެ.
"ސަރ އެނީ ޑްރިންކްސް؟" އެވަގުތު ވެއިޓަރު އައިސް ސުވާލުކޮށްލުމުން ދެމީހުންގެ އަވަސް ނަޒަރު ވެއިޓަރަށް ހުއްޓުނެވެ. ދެ ވައްތަރެއްގެ ފްރެޝް ޖޫހަށް އޯޑަރު ދިނުމަށްފަހު ނަޒާން އަވަހަށް ވެއިޓަރު ފޮނުވައިލިއެވެ.
"ޝައި ބޭނުންތަ އެއްވެސް އެއްޗެއް އަހަން؟" ނަޒާން އަހައިލިއެވެ.
"މީ ކީއްވެގެން ބޭއްވި މީޓިންގ އެއް؟" ދެފަހަރަކު ދޫ ހަރަކާތް ކުރުމަށްފަހު އެންމެފަހުން ޝައިލާގެ އަގައިން ޖުމްލައެއް ނިކުތެވެ. އެމިއުޒިކީ އަޑު އިވުމުން ނަޒާންގެ ހިތައް ގޮތްތަކެއް ވިއެވެ.
"އަހަންނަށް ނުނިދިގެން... އެންމެ ފުރަތަމަ ފެނުން ދުވަހުން ފެށިގެން ހަމަނިދި ނުލިބޭ... ނޭންގެ ވާގޮތެއް ޝައި ދެކެން ބޭނުންވަނީ... ވާހަކަ ދައްކަން ބޭނުންވަނީ... ދެން ނޭންގެ ބުނެދޭކަށްވެސް... އަހަންނަށް އިނގޭ މިވާ ހުރިހާ ކަމެއްގެ ފަރުވާއަކީ ޝައި ކަން" ނަޒާންގެ ހިތުގައި ހުރި ހުރިހާ އުދާހެއް ބޭރުކޮށްލިއެވެ. އެ ޖުމްލަތައް އަހާފައި ޝައިލާ ހިންދިރުވައިލިއެވެ.
"ކޮން.. ކޮން ފަރު...ވާއެއް؟" ހުއްޓަމުން ހުއްޓަމުން ޝައިލާ އަހައިލިއެވެ. އަދި އުނގުމަތީގައި އޮތް ދެ އަތް ނަގައި މޭޒުމަތީގައި ބާއްވައިލިއެވެ.
"ޝައި އަށް އަހަރެން ކަމުދަންޏާ... ވީ ކުޑް ބީ ފްރެންޑްސް... ވީ ކޭން ޓޯކް... ކޯލް... މެސެޖް އެންޑް..." ނަޒާން ބުނަން އުޅުނު ޖުމްލަ ހުއްޓިއްޖެއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ޝައިލާގެ އަތަށެވެ.
"އެންޑް؟" ޝައިލާ އަހައިލިއެވެ. އަނެއްކާވެސް ނަޒާންގެ ސަމާލުކަން ޝައިލާގެ މޫނަށް ހުއްޓުނެވެ.
"އެންޑް... މޯ ދެން ފްރެންޑްސް؟" ނިތް އަރުވައިލަމުން ނަޒާން ބުނެލިއެވެ. އެހުރިހާ ވާހަކައެއް ދެއްކުމުގެ ހިތްވަރު ނަޒާނަށް ލިބުނީ ކިހިނެއް ކަމެއް ވެސް ނޭންގެއެވެ.
"ޔޫ މީން ބޯއީ ފްރެންޑް؟" ޝައިލާ އަހައިލިއެވެ. އެވަގުތު ޑްރިކްސް ހިފައިގެން އައި ވެއިޓަރި ދެމީހުން ކައިރީ ތަށިތައް ބެހެއްޓިއެވެ. ޖޫސްތަށީގެ ސަބަބުން ޝައިލާގެ މޫނު ފޮރުވިފައި ވުމުން، ނަޒާން އެތަށި އެއްފަރާތެއްގައި ބެހެއްޓިއެވެ.
"ދެން އެހިސާބަށް ނުދިޔަޔަސް..." ނަޒާން ވާހަކަ ދައްކަމުން ދިޔައިރު މޭޒު ދަށުން ދެފައި ހަލުވަމުން ދިޔައީ އިންތިހާޔަށް ބާރަށެވެ. އާންމުކޮށް ކަމަކާ ހާސްވުމުން ނަޒާންގެ ފައި އަމިއްލައަށް ވެސް ހެލޭނެއެވެ.
"ލުކް... ފަހަރެއްގަ އަހަރެންގެ ފޭސް ފެނުނީމަ ލައިކް ވެދާނެ... ޝައި ގަބޫލުކުރަން ޝައި ވެސް ލައިކް ވާކަން... އެކަމަކު..." ޝައިލާގެ ވާހަކަ ހުއްޓައިލުމަށްފަހު ދުރުބަލައިލިއެވެ.
"އެކަމަކު؟" ނަޒާން އަހައިލީ ސުވާލުގެ ނަޒަރަކުންނެވެ.
"ޝައި މީ... ޝަ... ޝައި މީ އެއްވެސް މީހަކު ބޭނުންވާނެ މީހެއް ނޫން... ޔޫ ޑޯންޓް ނޯ އެނީތިންގ... އެއްވެސް ކަމެއް ނޭންގޭނެ... އެންޑް... ޝައި މީ ނަޒާން ހީކުރާ ކަހަލަ މީހެއް ނޫން..." ދެއަތް ދެއަތާއި މޮޑެމުން ޝައިލާ ބުނެލިއެވެ.
"އަހަންނަށް އޯކޭ... ޝައި އަށް ގޯސްކަމެއް ކުރެވެންޏާ އަހަރެން ހެލްޕް ވާނަން އެކަމެއް އިސްލާހު ކުރަން... ޝައި ގަސްތުގަ ގޯސް ކަމެއް ނުކުރާނެކަން ޔަގީން... ދެން... އަހަންނަށް އޯކޭ ޝައި އަކީ ކޮންމެ ކަހަލަ މީހަކަސް... ލެޓް މީ ބީ... އަހަންނަށް ޝައިގެ ލައިފް އިން ޖާގައެއް ދީ... އެތައް ދުވަހަކަށް ފަހު ހަމަޖެހުމެއް ލިބުނީ ތިސޫރަ ފެނުނީމަ... އެތައް ކަމަކާ ހަނގުރާމަ ކުރަމުން މިދަނީ... ޕްލީޒް" ނަޒާންގެ ލޮލުން ފާޅުވޭވޭ ހުރީ އާދޭހާއި އިންތިހާ ދަރަޖައިގެ ހިތާމައެވެ.
"ޝައި ކިތަންމެ ކަމެއް ސިއްރު ކުރިޔަސް ހެޔޮތަ؟" ޝައިލާ ދެން ކޮށްލި ސުވާލުން، ނަޒާން ދެއްކި ވާހަކަތައް ގަބޫލުކުރި ކަހަލައެވެ. އެ އަޑަށް ވަގުތުން ނަޒާން ބޯ ޖަހައިލިއެވެ.
"އަހަރެންގެ ހަގީގަތް ހޯދަން މަސައްކަތް ކުރާނަންތަ؟" ޝައިލާ އަހައިލިއެވެ. ހަގީގަތޭ ބުނުމުން ނަޒާންގެ ހިތުގައި މީހަކު ވިކައިލި ކަހަލައެވެ. ފުންމައިލަން މިއުޅެވެނީ އަލިފާންގަނޑަކަށް ބާއޭ ހިތައް އެރިއެވެ. ވިސްނާކަށް ވަގުތެއް ނެތެވެ. ކޮންމެ ކަމެއް ވީކަމުގައި ވިޔަސް ހެވެވެ. އޭނާ ބޭނުންވަނީ ޝައިލާ އާއި އެކު ވާށެވެ.
"ޝައިލާ އަމިއްލައަށް ތި ސިއްރުކުރާ ކަމެއް ބުނަންދެން އަހަރެން ކެތްކުރާނަން... ސުވާލެއްވެސް ނުކުރާނަން... އަހަންނަށް ޔަގީން ތި ފޮރުވާ ކަމެއް އަހަރެން ކައިރީ ކޮންމެވެސް ދުވަހަކުން ބުނާނެކަން" ޔަގީންކަމާއި އެކު ނަޒާން ބުނެލިއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް