އިސްލާމިކް ފައިނޭންސް ދާއިރާއިން އެންމެ ނުފޫޒުގަދަ 50 އަންހެނުންގެ ތެރޭގައި ޑރ އައިޝަތު މުނީޒާ

ދުނިޔެއިން އިސްލާމިކް ފައިނޭންސް ދާއިރާއިން އެންމެ ނުފޫޒު ގަދަ 50 އަންހެނުންގެ ތެރޭގައި ރާއްޖޭގެ ޑރ އައިޝަތު މުނީޒާ ހިމެނިއްޖެއެވެ. ޑރ މުނީޒާ ހިނެމިފައިވަނީ މިލިސްޓްގެ 7 ވަނައިގައެވެ. މިއީ މިފަދަ ލިސް...

06 Oct 2017 | 13:10

ދުނިޔެއިން އިސްލާމިކް ފައިނޭންސް ދާއިރާއިން އެންމެ ނުފޫޒު ގަދަ 50 އަންހެނުންގެ ތެރޭގައި ރާއްޖޭގެ ޑރ އައިޝަތު މުނީޒާ ހިމެނިއްޖެއެވެ. ޑރ މުނީޒާ ހިނެމިފައިވަނީ މިލިސްޓްގެ 7 ވަނައިގައެވެ. މިއީ މިފަދަ ލިސްޓެއްގައި ދިވެހި އަންހެން ބޭފުޅަކު ހިމެނުނު ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގެ އިސްލާމިކް ފައިނޭންސް ދާއިރާ ދިރާސާކުރާ އިސްލާމިކް ފައިނޭންސް ރިވިއުއިން މިދިޔަ ސެޕްޓެމްބަރ މަހު ނެރުނު އަދަދުގައި ހިމަނާފައިވާ މިލިސްޓުގައި ރާއްޖެއާއެކު އިތުރު 15 ޤައުމެއްގައި އިސްލާމިކް ބޭންކިންއާއި ފައިނޭންސް ދާއިރާގައި ހަރަކާތްތެރިވާ އަންހެން ބޭފުޅުން ހިމެނިފައިވެއެވެ. އެޤައުމުތަކަކީ މެލޭޝިޔާ، ކަޒަކިސްތާން، އުޒްބަކިސްތާން، ޕާކިސްތާން، އެމެރިކާ، އިނގިރޭސިވިލާތް، ޔޫއޭއީ، އިންޑޮނޭޝިއާ، ރަޝިޔާ، ކެންޔާ، ކެނެޑާ، ލުބްނާން، މިޞްރު، ތުރުކީ އަދި މޮރޮކޯއެވެ.

މިދިޔަ އޮގަސްޓް މަހު ޑރ މުނީޒާއަށްވަނީ އޭއައިބީޓީއެސް އިނޮވޭޝަންސް އެވޯޑުގައި އަޕްކަމިންގް ޕާސަލަނަލިޓީ އިން އިސްލާމިކް ފައިނޭންސް އެވޯޑުވެސް ލިބިލައްވާފައެވެ. އަދި "އިސްލާމިކާ 500" ގެ ނަމުގައި ކޮންމެ އަހަރަކުވެސް ނެރޭ ބިޒްނަސް ގައިޑުން މިއަހަރު ހޮވި އިސްލާމީ ދުނިޔޭގެ އިގްތިސާދުތަކުގައި އެންމެ ނުފޫޒުގަދަ 500 ބޭފުޅުންގެ ތެރޭގައިވެސް އެކަމަނާވަނީ ހިމެނިފައެވެ.

ޑރ މުނީޒާވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ވުޖޫދަށް ގެނައުމުގެ ޓެކްނިކަލް މަސައްކަތްތައް ކުރައްވާ އެ ކޯޕަރޭޝާންގެ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަމަން ކަމާއި މެލޭޝިއާގެ މަރުކަޒީ ބޭންކުން އުފައްދާފައިވާ އިންސެފް، ދަ ގްލޯބަލް ޔުނިވާސިޓީ އޮފް އިސްލާމިކް ފައިނޭންސްގެ އެސޯސިއޭޓް ޕްރޮފެސަރު ކަމުގެ އިތުރުން މޯލްޑިވްސް ސެންޓާ ފޮ އިސްލާމިކް ފައިނޭންސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަން ކުރައްވާފައެވެ.

އަދި ޒަކާތު ކޮމިޓީގެ މެމްބަރު ކަމާއި ޒަކާތު ސްކޮލާޝިޕް ކޮމެޓީގެ ޗެއާމަންކަމުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ފުރަތަމަ އަންހެން ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރައްވާފައިވާ މުނީޒާ އަކީ މެލޭޝިއާގެ ސެކިއުރިޓީޒް ކޮމިޝަނަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހަމައެކަނި ދިވެހި ޝަރީއާ އެޑްވައިޒަރެވެ.

ރާއްޖޭގައި އިސްލާމިކް ފައިނޭންސް ގާއިމްކޮށް ތަރައްގީ ކުރުމަށް ވެސް މުނީޒާ ވަނީ ކާމިޔާބު އަގުހުރި މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

އެގޮތުން ރާއްޖޭގެ އިސްލާމިކް ކެޕިޓަލް މާކެޓްގެ ގާނޫނީ އޮނިގަނޑު އެކުލަވާލައްވާ ރާއްޖޭގައި ސުކޫކް މާކެޓެއް ގާއިމްވެ ކުރުމުގެ އަމަލީ މަސައްކަތް ކުރައްވާފައިވާއިރު، މުނީޒާ ވަނީ ރާއްޖެ އަށް ހާއްސަ ޝަރީއާ ސްކްރީނިންގް މެތޮޑޮލޮޖީއެއް އެކުލަވާލާ ދިވެހި ގާނޫނީ އަދި މާލީ އޮނިގަނޑަށް ފެތޭ ސުލޫކް އޮނިގަނޑެއް ފަރުމާ ކޮށްދެއްވައިފަ އެވެ.

އޭގެ އިތުރުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުން އިސްލާމިކް ފައިނޭންސްގެ މަސައްކަތްތައް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މުނީޒާ ވަނީ އެޗްޑީއެފްސީ އަމްނާ، އަޔާދީ ތަކާފުލް އަދި އެލިއާ އެޗްޑީސީ ފަދަ ކުންފުނިތަކުން ދޫކުރާ އިސްލާމީ މާލީ ޕްރޮޑަކްޓުތައް ފަރުމާ ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވާފަ އެވެ.

އަދި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އުފެއްދުމަށްޓަކާ އެކުލަވާލި ފުރަތަމަ ސްޓެރެޓިޖިކް ޕްލޭންގެ ދެލި ކޮޕީ އެކަމަނާ އެކުލަވާ ލައްވާފައިވާއިރު، އިސްލާމިކް ފައިނޭންސް އާއި ގުޅޭ ގޮތުން ދުނިޔޭގެ އެތައް ގައުމެއްގައި ތަގުރީރު ކުރައްވާ ސަތޭކަ އެތައް ލިޔުމެއް މުނީޒާ ވަނީ ޝާއިއު ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް