ކިއުބާ އާއި އަފްޣާނިސްތާނުގެ ހަ ރައްޔިތަކު އެމެރިކާއިން ޑީޕޯޓްކޮށް ގަޔާނާ ކިޔާ ގައުމަކަށް ފޮނުވާލައިފި

އެމެރިކާގައި ހިޖުރަވެރިން ބޭރުކުރުމުގެ ސިޔާސަތުގެ ދަށުން ކިއުބާ އާއި އަފްޣާނިސްތާނުގެ ހަ ރައްޔިތަކު ދެކުނު އެމެރިކާގެ ޤައުމެއް ކަމަށްވާ ގަޔާނާއަށް ޑީޕޯޓްކޮށްފައިވާ ކަމަށް އެ ޤައުމުން ހޮނިހިރު ދުވަހު ހ...

06 Sep 2026 | 16:51
އެމެރިކާއިން ޑީޕޯޓު ކޮށްލި ހެއިޓީ ބަޔަކު --

އެމެރިކާއިން ޑީޕޯޓު ކޮށްލި ހެއިޓީ ބަޔަކު --

އެމެރިކާގައި ހިޖުރަވެރިން ބޭރުކުރުމުގެ ސިޔާސަތުގެ ދަށުން ކިއުބާ އާއި އަފްޣާނިސްތާނުގެ ހަ ރައްޔިތަކު ދެކުނު އެމެރިކާގެ ޤައުމެއް ކަމަށްވާ ގަޔާނާއަށް ޑީޕޯޓްކޮށްފައިވާ ކަމަށް އެ ޤައުމުން ހޮނިހިރު ދުވަހު ހާމަކޮށްފިއެވެ.

ގަޔާނާގެ ޚާރިޖީ ސެކްރެޓަރީ ރޮބާޓް ޕާސައުޑް މީޑިއާގައި ބުނީ އެމެރިކާގެ ހިޖުރައާ ގުޅޭ މައްސަލަތަކެއްގެ ސަބަބުން އެ ހަ މީހުން ޑީޕޯޓްކޮށް ގަޔާނާއަށް ގެނެސްފައިވާ ކަމަށެވެ. އޭގެން އެ އެއްވެސް މީހެއްގެ ކުށުގެ ރެކޯޑެއް ނެތް ކަމަށް ޕާސައުޑް ބުނެފައިވެ އެވެ.

އެތައް މަހެއްގެ މަޝްވަރާއަށް ފަހު އެމެރިކާއާ އެކު ގަޔާނާ އެއްބަސްވުމެއް ޤާއިމުކުރީ ކަމަށާއި މި އެއްބަސްވުމުގެ މުއްދަތަކީ އެއް އަހަރު ކަމަށް ބުންޏެވެ. އެހެން ކަމުން އެމީހުން އެ ގައުމަށް އެތެރެވުމުގެ ހުއްދަ ދިނުމަކީ ދާއިމީ ވަޒަންވެރިކުރުމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

ގަޔާނާ އަށް ޑީޕޯޓް ކުރެވުނު މީހުންނަށް އދ. ގެ ބައިނަލްއަޤުވާމީ ހިޖުރައިގެ ޖަމިއްޔާ (އައިއޯއެމް) ގެ އެސިސްޓެޑް ވޮލަންޓަރީ ރިޓާން ޕްރޮގްރާމް މެދުވެރިކޮށް ވަސީލަތްތައް ފޯރުކޮށްދެވޭނެ ކަމަށް ޕާސައުޑް ބުންޏެވެ. އެ މީހުން ގަޔާނާގައި ތިބެ ހިޖުރައިގެ މައްސަލައިގެ ނަތީޖާ ބަލާނެ ކަމަށާއި ފަހުން އުފަން ޤައުމަށް ދިޔުން ނުވަތަ އެހެން ތަނަކަށް ބަދަލުވުމުގެ ފުރުޞަތު ވެސް އެ މީހުންނަށް އެބައޮތެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ވެރިކަމާ ހަވާލުވެ ހުރެ ކުރިއަށް ގެންދާ މި ސިޔާސަތުގެ ދަށުން ބޭރު ޤައުމުތަކުގެ ރައްޔިތުން އެ މީހުންގެ އުފަން ޤައުމު ނޫން ތިންވަނަ ޤައުމުތަކަށް ޑީޕޯޓްކުރެއެވެ.

ޓްރަމްޕް ވެރިކަމާ ހަވާލުވީ ފަހުން 30 އަށް ވުރެ ގިނަ ޤައުމާ އެކު މިފަދަ އެއްބަސްވުންތައް ޤާއިމުކޮށްފައިވާ ކަމަށް އެމްނެސްޓީ އިންޓަނެޝަނަލް އިން ލަފާކުރެއެވެ. އޭގެ ތެރޭގައި އެމެރިކާ ސަރަހައްދުގެ 15 ޤައުމެއް ހިމެނެއެވެ.

ޓްރަމްޕްގެ ސަރުކާރުން މި ސިޔާސަތު ދިފާޢުކޮށް ބުނަނީ ކިއުބާ ފަދަ ބައެއް ޤައުމުތަކުން ޑީޕޯޓް ކުރެވޭ ރައްޔިތުން ބަލައިނުގަންނަ ކަމަށެވެ. ނަމަވެސް އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމާޢަތްތަކުން ބުނަނީ މިއީ ހިޖުރަވެރިން ބިރުގެންނެވުމަށާއި އެ މީހުންގެ ހިޖުރައިގެ ދަޢުވާތައް ދޫކޮށްލުމަށް ބާރު އެޅުމަށް ހިންގާ ކަމެއް ކަމަށެވެ.

ސިރެކިއުޒް ޔުނިވާސިޓީގެ ދިރާސާ ކުރާ ޖަމާޢަތެއް ކަމަށްވާ ޓީއާރުއޭސީ އިން ލަފާކުރާ ގޮތުގައި މިހާރު އެމެރިކާގެ ހިޖުރައިގެ ބަންދުގައި ތިބި ބޭރު ރައްޔިތުންގެ ތެރެއިން 70.6 އިންސައްތަ މީހުންގެ ކުށުގެ ރެކޯޑެއް ނެތެވެ.

ހިޖުރައިގެ ސިޔާސަތު ހަރުކަށި ކުރުމަކީ ޓްރަމްޕްގެ ދެވަނަ ދައުރުގެ މައި ސިޔާސަތުތަކުގެ ތެރެއިން ކަމެކެވެ. އެ ގޮތުން ޓެމްޕޮރަރީ ޕްރޮޓެކްޓެޑް ސްޓެޓަސް އާއި ހިއުމެނިޓޭރިއަން ޕެރޯލް ފަދަ ޕްރޮގްރާމްތައް ބާޠިލްކޮށް އެތައް ހާސް ހިޖުރަވެރިންގެ ޤާނޫނީ ހައިސިއްޔަތު ނިގުޅައިގެންފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަމައެހެންމެ ހިމާޔަތް ހޯދަމުންދާ ގާތްގަނޑަކަށް 200000 މީހެއްގެ ވިސާ ބާޠިލްކުރުމަށް ވެސް ރޭވިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް