ޑްރަގް މައްސަލައެއްގައި މިސްރުގެ ޓީވީ ޕްރެޒެންޓަރު ސާރާ ދަންޖައްސައި މެރުމަށް ހުކުމް ކޮށްފި

މިޞްރުގެ މަޝްހޫރު ޓެލެވިޒަން ޕްރެޒެންޓަރެއް ކަމަށްވާ ސާރާ ޚަލީފާ އާއި އިތުރު 11 މީހެއްގެ މައްޗަށް މަސްތުވާތަކެތީގެ ދައުވާ ސާބިތުވެ ދަންޖައްސައި މެރުމަށް ޤާހިރާގެ ޖިނާއީ ކޯޓުން ޙުކުމް ކޮށްފިއެވެ. މަސްތ...

06 Sep 2026 | 09:11
ސާރާ ހަލީފާ --

ސާރާ ހަލީފާ --

މިޞްރުގެ މަޝްހޫރު ޓެލެވިޒަން ޕްރެޒެންޓަރެއް ކަމަށްވާ ސާރާ ޚަލީފާ އާއި އިތުރު 11 މީހެއްގެ މައްޗަށް މަސްތުވާތަކެތީގެ ދައުވާ ސާބިތުވެ ދަންޖައްސައި މެރުމަށް ޤާހިރާގެ ޖިނާއީ ކޯޓުން ޙުކުމް ކޮށްފިއެވެ.

މަސްތުވާތަކެތި އުފެއްދުމަށް ބޭނުންވާ ސާމާނު ހޯދައި ވިޔަފާރިކުރުމަށް ޚާއްޞަ ޖަމާޢަތެއް އެކުލަވައިލި ކަމުގެ ކުށް އެ މީހުންގެ މައްޗަށް ސާބިތުވީ ކަމަށް މިސްރުގެ ދައުލަތުގެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. ޖުމްލަ 28 މީހެއްގެ މައްޗަށް ދައުވާ އުފުލި މި މައްސަލައިގައި 750 ކިލޯގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ހިމެނޭ އިރު އިތުރު ނުވަ މީހެއްގެ މައްޗަށް ޢުމުރު ދުވަހުގެ ޖަލު ޙުކުމް އިއްވައި ހަތް މީހަކު ވަނީ ދޫކޮށްލައިފައެވެ.

ޢުމުރުން 39 އަހަރުގެ ޚަލީފާ އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ޕްރައިވެޓް ޗެނެލް އަލް މެޙްވާ އިން ގެނެސްދިން "މިޝަން އިމްޕޮސިބަލް" ނަމަކަށް ކިޔާ ސެކިއުރިޓީ އަދި ކްރައިމް ޕްރޮގްރާމެއް ހުށަހެޅި ޕްރެޒެންޓަރެއްގެ ގޮތުގައެވެ. ކޮސްމެޓިކް ސާޖަރީ ކްލިނިކަކާއި އިވެންޓް ޕްލޭނިންގ ކުންފުންޏެއް ހިންގުމުގެ އިތުރުން އިންސްޓަގްރާމްގައި ދެ މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ޝަޚްޞިއްޔަތެއް ކަމަށް ވެސް އަލްއަހްރާމުން ރިޕޯޓުކޮށްފައިވެއެވެ.

ދައުވާގައި ބުނި ގޮތުގައި އެ ޖަމާޢަތުން ބޭރު ޤައުމުތަކުން ސިންތެޓިކް ޑްރަގް އުފެއްދުމަށް ބޭނުންވާ ދޮރި މާއްދާތައް އެތެރެކޮށް ދިރިއުޅޭ ގެތަކުގައި ރައްކާކޮށް ޖަމާޢަތުގެ އެކި މީހުންނަށް ހޯދުމާއި އުފެއްދުމާއި ފޯރުކޮށްދިނުމުގެ ޒިންމާ ބަހައިލައިގެން ހިންގީއެވެ. ތަޙުޤީޤުގެ ތެރެއިން ލައިސަންސް ނެތް ހަތިޔާރާއި ވަޒަން ވެސް އަތުލައިގެންފައިވެއެވެ.

ޚަލީފާ ވަނީ ކުށުގެ ތުހުމަތު ދޮގުކޮށް "ޙަޔާތުގައި ސިނގިރޭޓެއް ވެސް ބޮއިފައި ނުވާނެ" ކަމަށް ބުނެ ކުށެއް ނެތް ކަމަށް ބުނެފައެވެ. ޙުކުމް އިއްވި ޝަރީޢަތުގެ މަޖިލީހުގައި ރޮމުން ޚަލީފާ ބުނީ އޭނާގެ މައިންބަފައިން އޭނާ ތަރުބިއްޔަރު ކުރީ ރަނގަޅަށް ކަމަށާއި ދަސްކޮށްދީފައިވަނީ ނަމާދުކޮށްގެން އުޅުމަށް ކަމަށާއި މަސްތުވާތަކެތީގެ ފައިސާ ދިރިއުޅުމަށް ބޭނުން ނުވާ ކަމަށެވެ.

މި ޙުކުމް އިއްވީ ޤާނޫނީ ގޮތުން މަރުގެ ޙުކުމް ކުރާ މައްސަލަތަކުގައި ލާޒިމުކޮށް ހޯދާ ބައިންޑިންގ ނޫން ދީނީ ލަފާ މިޞްރުގެ ގްރޭންޑް މުފްތީގެ ފަރާތުން ހޯދުމަށް ފަހުގައެވެ. ކެސޭޝަން ކޯޓުގައި މި ޙުކުމް އިސްތިއުނާފު ކުރެވޭނެ ކަމަށާއި ފަހުގެ ޝަރުޢީ އިޞްލާޙުތަކުގެ ދަށުން ރީޓްރައިލް ކުރުމަށް އެދި އިސްތިއުނާފު ކޯޓަކަށް ހުށަހެޅުމުގެ ފުރުޞަތު ވެސް ލިބޭ ކަމަށް އަލްއަހްރާމުން ރިޕޯޓުކޮށްފައިވެއެވެ.

ޚަލީފާ ހައްޔަރުކުރީ 2025 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކަމަށް ވާ އިރު ހަމަ އެ ދުވަހު އެހެން މައްސަލައެއްގައި ޑްރައިވަރަށް ހަމަލާ ދީ ވީޑިއޯ ކުރި ކުށުގައި ތިން އަހަރުގެ ޖަލު ޙުކުމެއް ވެސް ވަނީ އިއްވައިފައެވެ. މިޞްރުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ޓެރަރިޒަމާއި ގަސްދުގައި މީހުން މެރުމުގެ ކުށުގައި މަރުގެ އަދަބު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް