ފޯނު ކޯލްތަކާއި އިންޓަވިއުތައް ބްރޯޑްކާސްޓްކުރާއިރު ޤާނޫނާއި ސުލޫކީ މިންގަނޑަށް އަމަލު ކުރަން މީޑިއާ ކޮމިޝަނުން އިލްތިމާސްކޮށްފި

މީޑިއާ އިދާރާތަކާއި ނޫސްވެރިން ފޯނު ކޯލްތަކާއި އިންޓަވިއުތައް ބްރޯޑްކާސްޓްކުރާއިރު ޤާނޫނީ އޮނިގަނޑަށާއި ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް މީޑިއާ ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ...

06 Sep 2026 | 08:54
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންތަކެއް -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންތަކެއް -- ފޮޓޯ: ރައީސް އޮފީސް

މީޑިއާ އިދާރާތަކާއި ނޫސްވެރިން ފޯނު ކޯލްތަކާއި އިންޓަވިއުތައް ބްރޯޑްކާސްޓްކުރާއިރު ޤާނޫނީ އޮނިގަނޑަށާއި ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް މީޑިއާ ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.

ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގެ ދަށުން ކޮންމެ ފަރުދެއްގެ ޒާތީ ދިރިއުޅުމާއި ޢާއިލީ ދިރިއުޅުމާއި ގޮވަތި ގެދޮރާއި ޒާތީ މުޢާޞަލާތުތަކުގެ ޙުރުމަތް ރައްކާތެރިކުރުން ކަށަވަރުކޮށްދީފައިވެއެވެ. އެ ޙައްޤުތަކަށް އެންމެހައި ފަރާތްތަކުން ޙުރުމަތްތެރިކޮށް ހިތުމަކީ ލާޒިމު ކަމެއް ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 38 39 40 އަދި 41 ވަނަ މާއްދާގައި ބްރޯޑްކާސްޓަރުން ދަމަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތައް ތަފްޞީލުކޮށް ކަނޑައަޅާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ ގޮތުން 39 ވަނަ މާއްދާގެ (ރ) ގައި ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރާއި ނަފްސުގެ ޙުރުމަތް ހިމާޔަތްކުރުން ލާޒިމުކޮށްފައިވާއިރު އެ މާއްދާގެ (ބ) ގައި އިންސާނީ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމުކުރުމަށް ބާރުއަޅާފައިވެއެވެ.

ކޮމިޝަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ފޯނު ކޯލެއް ނުވަތަ މުޢާމަލާތެއް ބްރޯޑްކާސްޓްކުރާ ނަމަ އެ މުޢާމަލާތުގައި ބައިވެރިވާ ފަރާތުގެ ރުހުން ކުރިއާލައި ހޯދަންޖެހޭނެއެވެ. ވަގުތުން ލައިވްކުރާ ކޯލެއް ނަމަ އެއީ ބްރޯޑްކާސްޓްކުރެވެމުންދާ ކޯލެއްކަން އެ ފަރާތަށް ސާފުކޮށް އެންގުމަކީ ލާޒިމު ކަމެކެވެ.

ހަމައެހެންމެ ހުއްދައެއް ނެތި ހޯދާފައިވާ ރެކޯޑިންގތައް ބޭނުންކުރެވޭނީ ޤާނޫނީ އޮނިގަނޑާއި ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވެސް ކޮމިޝަނުން ހަނދާންކޮށްދީފައިވެއެވެ.

މި ބަޔާނުގައި ޒިންމާދާރު ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި ފަރުދުންގެ ޒާތީ ދިރިއުޅުމުގެ ސިއްރުތަކާއި ކަރާމާތް ރައްކާތެރިކުރުމުގައި ހުރިހާ މީޑިއާ އިދާރާތަކުގެ އެއްބާރުލުމަށް ކޮމިޝަނުން ވަނީ ގޮވައިލައިފައެވެ. މި އިލްތިމާސް އައިސްފައި މި ވަނީ ލައިވް ޕްރޮގްރާމްތައް ހިމެނޭހެން ބްރޯޑްކާސްޓްކުރުމުގެ ފަންނީ ހަމަތަކާ ގުޅޭ ޤާނޫނީ އޮނިގަނޑު އެ ކޮމިޝަނުން ބަލައި މީޑިއާތަކަށް ހަނދާންކޮށްދީފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް