ޖަނާޒާ ބޭއްވި ފަހުން ނޭޕާލް ފެންބޮޑުވުމުގައި ގެއްލުނު މީހަކު ކިސަޑާއި ކުނިބުނީގެ ދަށުން ދިރިހުއްޓަ ފެނިއްޖެ

ނެޕާލުގެ ނުވާކޮޓް ޑިސްޓްރިކްޓަށް އައި ބާރުގަދަ ނުރައްކާތެރި ފެންބޮޑުވުމެއްގައި ހަތަރު ބުރީގެ ގެއެއްގެ އެންމެ މަތީ ފަންގިފިލާގައި ކިސަޑާއި ކުނިބުނީގެ ދަށުވެ 10 ދުވަސް ވަންދެން ތާށިވެފައި އޮތް 60 އަހަރު...

06 Sep 2026 | 04:30
ސަލާމަތް ކުރި އަންހެން މީހާ --

ސަލާމަތް ކުރި އަންހެން މީހާ --

ނެޕާލުގެ ނުވާކޮޓް ޑިސްޓްރިކްޓަށް އައި ބާރުގަދަ ނުރައްކާތެރި ފެންބޮޑުވުމެއްގައި ހަތަރު ބުރީގެ ގެއެއްގެ އެންމެ މަތީ ފަންގިފިލާގައި ކިސަޑާއި ކުނިބުނީގެ ދަށުވެ 10 ދުވަސް ވަންދެން ތާށިވެފައި އޮތް 60 އަހަރުގެ އަންހެނަކު ދިރިހުއްޓާ ސަލާމަތްކޮށްފިއެވެ.

ޗަންދިކާ ޝްރެސްތާ ނަމަކަށް ކިޔާ އެ އަންހެން މީހާ ބިދޫރު ސިޓީގައި ހުންނަ އޭނާގެ ގެއިން ނެރެފައިވަނީ ނެޕާލުގެ ހަތިޔާރު އެޅި ފުލުހުންގެ (އޭޕީއެފް) ނުވަ މީހުންގެ ޓީމަކުންނެވެ. ނެޕާލު ފުލުހުން ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއިން ފެންނަ ގޮތުގައި ސަލާމަތްކުރާ ޓީމުން ކިސަޑު ކޮނެގެން އެންމެ މަތީ ފަންގިފިލާގެ ކުޑަދޮރަކުން ޝްރެސްތާ ނެރެފައިވެއެވެ.

ޝްރެސްތާ ފެނުނުއިރު އޮތީ ހޭނެތިފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ސަލާމަތްކުރި ޓީމުން ރަޖާއަކާއި ޖެކެޓެއް އޭނާގެ ގައިގައި އޮޅައިލުމާ އެކު މަޑުމަޑުން ހޭ އަރަމުން ދިޔައެވެ.

އޭނާ ފެނުމާއި އެކު ސޯޝަލް މީޑިއާގައި ވަނީ ޝްރެސްތާ ކުރިން ސަލާމަތުން ހުރި އިރު ހަށިގަނޑު ހުރި ގޮތާއި 10 ދުވަސް ވަންދެން ކާއެއްޗެއް ނުލިބި ގޭތެރޭގައި ތާށިވެފައި އޮތުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ފެންނަ ފޮޓޯތައް އާންމު ކޮށްފައި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އަވައްޓެރިންނާއި އާއިލާއިން ވަނީ ފެންބޮޑުވުމުގެ ހާދިސާގައި އޭނާ މަރުވި ކަމަށް ބަލައި، ނޭޕާލްގެ ހިންދޫ އަޅުކަމާއި އެކު ކުރިޔަށް ގެންދިޔަ ޖަނާޒާގެ ބޮޑު ހަރަކާތެއްގައި ޝްރެސްތާގެ ޖަނާޒާވެސް ބާއްވާފައި އެވެ.

ޝްރެސްތާ އާއި ހަވާލާދީ ނޭޕާލް ފުލުހުން ބުނީ ހާދިސާ ހިނގި އިރު ގޭގައި އޭނާގެ އިތުރުން ފިރިމީހާ އުޅުނެވެ. މިހާތަނަށް އެމީހާ ނުފެންނަ ކަމަށްވެ އެވެ.

އޭޕީއެފްގެ ޑެޕިއުޓީ ތަރުޖަމާނު ޝައިލެންދުރާ ތާޕާ ބުނީ ޝްރެސްތާ ސަލާމަތްކުރުމަށް ފަހު ހެލިކޮޕްޓަރެއްގައި ފުރަތަމަ ފަރުވާ ދިނުމަށް ތިރިޝޫލީގައި ހުންނަ ނެޕާލު ސިފައިންގެ މައިތިލީ ބެރެކްސް އަށް ގެންގޮސްފައިވާ ކަމަށެވެ. އިތުރު ފަރުވާ ދިނުމަށް ކަތަމަންޑޫ އަށް ވައިގެ މަގުން ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

މި ހާދިސާ ހިނގާފައިވަނީ ނެޕާލާއި ޓިބެޓުގެ ބޯޑަރު ކައިރިން އޮގަސްޓް 26 ގައި ގަނޑުފެނާއި ހިލައިގެ ފޭބުމެއް (އެވެލާންޗެއް) ފެށިގެން އައި ކުއްލި ފެންބޮޑުވުމުގެ ސަބަބުންނެވެ. ހިމާލަޔާގެ ބޯޑަރު ސަރަހައްދުން ދެކުނަށް ދެމިގެންދާ ބޮތެކޯށި ކޯރުން ފައިބައިގެން ދިޔަ ފެނުގެ ސަބަބުން ގެތަކާއި އުޅަނދުތަކާއި މަގުތަކާއި ފާލަންތައް ދެމިގެން ގޮސް ގިނަ ޑިސްޓްރިކްޓުތަކެއްގެ ކަރަންޓު އުފައްދާ ތަންތަނަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. މި ފެންބޮޑުވުމުގައި 1,300 އަށް ވުރެ ގިނަ މީހުން މަރުވެ ގާތްގަނޑަކަށް 5,000 މީހުން ގެއްލިފައިވާ އިރު މިހާތަނަށް 13,000 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް