ގަތަރަށް މިދިޔަ އަހަރު ދިން ބޮމުގެ ހަމަލާގެ ދިފާއުގައި ނަތަންޔާހޫ ވާހަކަ ދައްކައިފި

އިސްތިއުމާރީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޤަޠަރަށް ހަމަލާ ދިން ކަމާ މެދު ފަޚުރުވެރިކަމާ އެކު ވާހަކަ ދައްކައި ޣައްޒާއަށް ފޮނުވި ފައިސާ ބޭނުންކުރީ އެހީގެ ބޭނުމަށް ކަމަށް ބުނެ ދިފާޢުވެ ވ...

06 Sep 2026 | 01:33
ނަތަންޔާހޫ --

ނަތަންޔާހޫ --

އިސްތިއުމާރީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޤަޠަރަށް ހަމަލާ ދިން ކަމާ މެދު ފަޚުރުވެރިކަމާ އެކު ވާހަކަ ދައްކައި ޣައްޒާއަށް ފޮނުވި ފައިސާ ބޭނުންކުރީ އެހީގެ ބޭނުމަށް ކަމަށް ބުނެ ދިފާޢުވެ ވާހަކަ ދައްކައިފިއެވެ.

އިސްރާއީލުގެ އައި24ނިއުސް އަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނީ ޤަޠަރަކީ "ހަތުރުވެރި" ދައުލަތެއް ކަމަށާއި ޣައްޒާގައި ހިންގާ ގަތުލުޢާންމުގެ ހަނގުރާމައިގައި އިސްރާއީލުގެ ސިޔާސަތު ކަނޑައެޅުމުގައި ޤަޠަރުގެ ދައުރެއް ނެތް ކަމަށެވެ.

މި ވާހަކަތައް އައީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު ނުވައެއްގައި ދޯހާއަށް އިސްރާއީލުން ދިން ހަމަލާއަށް އެއް އަހަރު ފުރެން ކައިރިވެފައި ވަނިކޮށެވެ. އެމެރިކާ މެދުވެރިކޮށް ހުށަހެޅި ޣައްޒާ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ ބެހޭ ގޮތުން ބައްދަލުވުމެއް ހިނގަމުން ދަނިކޮށް ދިން އެ ހަމަލާގައި ޙަމާސްގެ ފަސް މެންބަރަކާއި ޤަޠަރުގެ ސެކިއުރިޓީ އޮފިސަރެއް މަރުވިއެވެ.

ޤަޠަރުން އެ ހަމަލާ ސިފަކުރީ "ބައިނަލްއަޤުވާމީ ހުރިހާ ޤާނޫނަކާއި އުޞޫލެއް ފާޅުކަން ބޮޑު ގޮތެއްގައި ފުނޑައިލުން" ކަމުގައެވެ. ޤަޠަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް ޢަންޞާރީ ވަނީ އެއީ "ފިނޑި" ހަމަލާއެއް ކަމަށް ސިފަކޮށްފައެވެ. އީރާނާއި ޕާކިސްތާނާއި ސަރަޙައްދީ ބައެއް ޤައުމުތަކުން ވެސް މި ހަމަލާ ކުށްވެރިކޮށް ޢުރުދުންނާއި ޔޫއޭއީ އާއި ސަޢޫދީ ޢަރަބިއްޔާގެ ވެރީން ވަނީ އެއް ގޮތް ރޫޙެއް ދައްކައި ޤަޠަރަށް ޒިޔާރަތްކޮށްފައެވެ.

އދ. ގެ ސެކެޓރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވެސް ވަނީ އެ ހަމަލާއަކީ ޤަޠަރުގެ ސިޔާދަތާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށް ބުނެފައެވެ. ފަހުން ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ނަތަންޔާހޫ އާއި ޓްރަމްޕް ވެގެން ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އާލް ޘާނީ އަށް ގުޅައި އެ ހަމަލާއާ ގުޅިގެން ޢުޒުރު ވެސް އެދުނެވެ.

ހަމައެހެންމެ ނަތަންޔާހޫ ވަނީ އިސްރާއީލު މެދުވެރިވެގެން ޤަޠަރުގެ ފައިސާ ޣައްޒާއަށް ވާޞިލުވި ގޮތް ދިފާޢުކޮށް އެ ފައިސާ ފޮނުވީ އެހީގެ ގޮތުގައި ކަމަށާއި މޮސާޑާއި ޝިން ބެޓުގެ ލަފާގެ މަތީން ކަމަށް ބުނެފައެވެ.

ޤަޠަރުން އެ ތުހުމަތުތައް ދޮގުކޮށް ބުނަނީ އެ ޤައުމުން ޙަމާސް އަށް ފައިސާ ދިން ކަމަށް ބުނާ ބުނުމަކީ ޙަޤީޤަތެއް ނެތް ވާހަކައެއް ކަމަށެވެ.

ނަތަންޔާހޫ މި ވާހަކަތައް ދެއްކީ އޮކްޓޫބަރު 27 ގައި އިސްރާއީލުގައި ބާއްވާ ޢާންމު އިންތިޚާބު ކައިރިވެފައި ވާ ދަނޑިވަޅެއްގައެވެ. ޣައްޒާ ހަނގުރާމައާއި އީރާނާ ދެކޮޅަށް ކުރެވުނު ހަނގުރާމައާއި އިޤުތިޞާދީ ޙާލަތާ މެދު ދާޚިލީ ފާޑުކިޔުންތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި އިންތިޚާބު ކައިރިވާ ވަރަކަށް ޤައުމީ ރޫޙު އުފައްދައި ތާއީދު ހޯދުމަށް ނަތަންޔާހޫ ތަކުރާރުކޮށް އެހެން ދައުލަތްތަކާ ނުތަނަވަސްކަން އުފައްދާ ކަމަށް މުޙައްލިލުންނާއި ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް