ދެ ކްލަސްޓާ އަކާއި ގުޅުން ހުރި 19 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ގދ. ހޯނޑެއްދޫގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމާއި މެދު ގޮތެއް ނިންމުމަށް ކައިރި ރަށްރަށާއި އެ ރަށުން ރެންޑަމް ސާމްޕަލް ނަގަން ފަށައިފި އެވެ.
ޕޮސިޓިވް ދެ މީހަކާއި ގުޅުން ހުރި 19 މީހަކު ޕޮސިޓިވްވުމާއި ގުޅިގެން ހޯނޑެއްދޫ އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަރައި ފޭބުން މަނާކޮށްފައި އެވެ. އަދި އެ ރަށާއި ކޯޒްވޭއަކުން ގުޅާލާފައިވާ މަޑަވެލި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ހޯނޑެއްދޫގައި އާންމުންގެ މެދުގައި ބަލި ފެތުރެމުން ނުދާ ކަމަށެވެ. މިހާތަނަށް ޕޮސިޓިވްވެފައިވާ 21 މީހުންނަކީ އެއް އާއިލާއެއްގެ ނުވަތަ ފުރަތަމަ ޕޮސިޓިވްވި ދެ މީހުންނާއި ޑައިރެކްޓު ކޮންޓެކްޓުވި މީހުން ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު އޮތް ހާލަތަށް ބަލާއިރު ހޯނޑެއްދޫގައި ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމާފައި ނުވާ ކަމަށެވެ. އެކަމަކު އެ ރަށާއި މަޑަވެއްޔަކީ ގުޅާލާފައިވާ ދެ ރަށަށް ވާތީ ގިނަ ބަޔަކު ދަތުރުކޮށްފައިވާތީ ދެ ރަށުގައިވެސް ރެންޑަމް ސާމްޕަލް ނަގަން ފަށާފައިވާ ކަމަށެވެ.
އަދި އެ ރަށު މީހުން ވަޒީފާ އަދާ ކުރަންދާ ކައްދޫ އެއާޕޯޓުން އަތޮޅުގެ އެހެން ރަށްރަށުގެ މީހުންނާއި ބައްދަލުވެފައިވާތީ ކައިރި އެހެން ރަށްރަށުންވެސް ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހޯނޑެއްދޫ ލޮކްޑައުން ކުރުން ނުވަތަ އާންމުންގެ މެދުގައި ބަލި ފެތުރޭ ކަމަށް ނިންމާނީ އެ ސާމްޕަލްތަކުގެ ނަތީޖާ އަންނަ ގޮތަކުން ކަމަށެވެ.
ހޯންޑެއްދޫއިން ފުރަތަމަ ކޯވިޑަށް ޕޮސިޓިވްވި ދެމީހުންނަށް ބަލި ޖެހިފައިވާކަން އެނގުނީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ. ޑރ. ނަޒްލާ ވިދާޅުވީ އެމީހުންގެ ފަރާތުން ބަލި ފެތުރެން ޖެހުނުގޮތް ބަލަމުންދާ ކަމަށެވެ.
ހޯދެއްދޫއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި އަހަރު ނުވާ ކުދިންނާއި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް