ކޯޓަށް މައްސަލަ ވައްދައިގެން އުޅޭ ބަޔަކު އެކަން ކުރަނީ ގަވާއިދު ވިދާޅުނުވާތީ ކަމަށް ޓީޓީ އެސޯސިއޭޝަންގެ ލޯޔަރު މުހައްމަދު ޖައުޝަން ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޖައުޝަން ވިދާޅުވީ ކޯޓަށް މައްސަލަ ވައްދައިގެން އުޅެނީ މައްސަލައިގެ ހަގީގަތް އޮޅުވާލަން ކުރާ މަސައްކަތުގެ ސަބަބުން ލިބިދާނެ ގެއްލުން އެނގިވަޑައިނުގަނެ ތިބެ ކަމަށެވެ.
އޭނާ ވިދާޅުވީ ޓީޓީ އިންޓަރނޭޝަނަލް ފެޑެރޭޝަންގެ 1.2.5 ގައި ބަޔާން ކޮށްފައި އަމަލު ކުރަންވީ ކިހިނެތްކަން ގަވާއިދުގައި ވަރަށް ރީތިކޮށް ފެންނަން އޮންނާނެ ކަމަށެވެ.
ޓީޓީ އެސޯސިއޭޝަނަކީ ގައުމީ ހައިޘިއްޔަތު ދެވިފައިވާ ޖަމްއިއްޔާއެއް ކަމަށްވުމާއި، އެ ޖަމްއިއްޔާއަކީ އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނާއި، އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން އަދި ސައުތު އޭޝިއަން ޓޭބަލް ޓެނިސް ފެޑަރޭޝަނުގެ މެންބަރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިހެންވުމާއެކު މި މައްސަލައިގައި ރާއްޖެއިން އެންމެ ފަހުގެ ނިންމުން ނިންމާނެ ތަނަކީ ކުޅިވަރު ކައުންސިލުން ކަމަށާއި އެވަރުން ހިތްހަމަ ނުޖެހިއްޖެ ނަމަ ދެން ދާން އޮންނާނީ ބައިނަލްއަގުވާމީ ކުޅިވަރުތަކާ ބެހޭ މަޖިލީސްތަކަށް ކަމަށް ގަވާއިދުގައި ވަރަށް ސާފުކޮށް ބުނެފައިވާކަން ޖައުޝަން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި މައްސަލަ ހުށައަޅުއްވައިގެން، މައްސަލައައިގެން ކުރިއަށް ގެންދަވާ ފަރާތުން ވިދާޅުވަމުން ދަނީ ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ވެދާނެ ކަމަށް އެ ދައްކަވަނީ ރޯ ބުހުތުނާ ދޮގު ވާހަކަތަކެއް ކަމަށެވެ.
"އެކަމަކު އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނުން މި އެސޯސިއޭޝަނަށް ފޮނުވި ސިޓީގައި ވެސް އެކަން އެބަ ފާހަގަ ކުރޭ،" އައިޓީޓީއެފުން ފޮނުވާފައިވާ ސިޓީ މީޑިއާ ތަކަށް ދައްކަމުން ޖައުޝަން ވިދާޅުވިއެވެ.
ޓީޓީގެ އިންތިހާބުގެ މައްސަލައިގެ ކޯޅުންގަނޑު ބޮޑުވެ، އެ އިދާރައިގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން ބަލައިގަނެ، މައްސަލައިގެ އިޖުރާއީ އަޑުއެހުން މިއަދު ވަނީ ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް