އިދިކޮޅާއި ގުޅުނު ފަޒާދު ޕީޕީއެމްއިން ވަކިކޮށް، ގޮނޑި ގެއްލުވާލައިފި

ޕީޕީއެމްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަލީ ފަޒާދު ޕީޕީއެމް އިން ވަކިކުރުމަށް އެޕާޓީގެ ސުލޫކީ ކޮމެޓީން ނިންމައިފި އެވެ. ފަޒާދު ޕީޕީއެމް އިން ވ...

06 Sep 2018 | 12:51

ޕީޕީއެމްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަލީ ފަޒާދު ޕީޕީއެމް އިން ވަކިކުރުމަށް އެޕާޓީގެ ސުލޫކީ ކޮމެޓީން ނިންމައިފި އެވެ. ފަޒާދު ޕީޕީއެމް އިން ވަކިކުރަން ނިންމުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އޭނާ ތަމްސީލުކުރައްވާ ފުވައްމުލަކު މެދު ދާއިރާގެ ގޮނޑި ގެއްލޭނެ އެވެ. އެއީ މިހާރު ޢަމަލުކުރެވުމުންދާ އެންޓިޑިފެކްޝަން ޤާނޫނުގެ ދަށުން މެމްބަރަކު މަޖިލީހަށް ހޮވޭ ޕާޓީއަކުން ވަކިވެއްޖެނަމަ، ނުވަތަ ވަކި ކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާއި އެ މެމްބަރަކު ގުޅިވަޑައިގެންފިނަމަ ގޮނޑި ގެއްލޭނެކަމަށް ޤާނޫނުގައި ބުނާތީއެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ފަޒާދުގެ މައްސަލަ ބަލާފައިވަނީ ޕާޓީގެ ހަރަކާތްތަކުގައި ފަޒާދު މިފަހުން ބައިވެރިވެވަޑައި ނުގެންނަވާތީ އާއި ޕާޓީއަށް އެއްބާރު ލުން ނުދޭކަމަށް ބުނެއެވެ.

ފަޒާދަށް ޕީޕީއެމުން މިއަދު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އޭނާ އެ ޕާޓީން ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމީ ފަޒާދުގެ އަމަލުތައް ހުރި ގޮތުން، ޕާޓީއަށް ގެއްލުން ވަމުންދާތީ އާއި އެއީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ވާތީ އެވެ. އެގޮތުން، ޕީޕީއެމްގެ ހަރަކާތްތަކާއި ޕާޓީގެ އެންގުންތަކާއި އެދޭ ކަންކަމުގައި އެއްބާރުލުން ނުދެއްވުމާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިނުގަތުމާއި އެ ގްރޫޕްގެ ނިންމުންތަކާ އެއްގޮތަށް އަމަލު ނުކުރައްވާ މައްސަލަ ސުލޫކީ ކޮމެޓީއަށް ފާހަގަވެފައިވާ ކަމަށް ޕީޕީއެމްގެ ސިޓީގައިވެ އެވެ. އަދި ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރެއްވުމާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީނަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރައްވަމުންދާ ކަން ވެސް ސުލޫކީ ކޮމެޓީއަށް ފާހަގަ ވެފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

ފަޒާދަށް ޖަވާބުދާރީ ވުމަށް ޕީޕީއެމް އިން ފުރުސަތު ދިން ނަމަވެސް އެފުރުސަތުގެ ބޭނުން ފަޒާދު ނުހިތްޕަވައެވެ. ފަޒާދު މިހާރު އުޅުއްވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު އާއެކު ކެމްޕޭން ދަތުރު ފުޅުގައި ހއ އަތޮޅުގައެވެ. ރޭ އިދިކޮޅު ކޯލިޝަނުން ހޯރަފުށީގައި ބޭއްވި ޖަލްސާގައި ފަޒާދު ބައިވެރިވެވަޑައިގެން ، ރަސްމީކޮށް އިދިކޮޅު ކޯލިޝަނާ ގުޅުނުކަން ވަނީ އިއުލާންކުރައްވާފައެވެ. އަދި ޕާޓީން ވަކިކުރިޔަސް ޖެހިލުންވެވަޑައި ނުގަންނަވާކަމަށް ފަޒާދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް