ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި ބަހުސެއް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބާއްވަނީ

މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި ބަހުސެއް ބޭއްވުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނިންމާ ދެ ކެންޑިޑޭޓުންނަށް ބަހުސްގެ...

06 Sep 2018 | 12:24

މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި ބަހުސެއް ބޭއްވުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނިންމާ ދެ ކެންޑިޑޭޓުންނަށް ބަހުސްގެ ދައުވަތު އަރުވައިފިއެވެ. ޓްރާންސްޕޭރެންސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

މިބަހުސަކީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން މިހާރަށް ވުރެ ބޮޑަށް ރައްޔިތުންނަށް އިނގުމަށާއި ، މެނިފެސްޓޯގައި ހުރި ކަންތައްތައް ރައްޔިތުންނަށް ސާފުކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ ބަހުސެއްކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ. ޓްރާންސްޕޭރެންސީން ވަނީ ދެ ކެންޑިޑޭޓުންނަށް ފޮނުވާފައިވާ ސިޓީވެސް ޓްވީޓް ކޮށްފައެވެ.

މި ސިޓީގައި ބުނެފައިވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އަކީ 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުފެދިގެން ހަރަކާތް ތެރިވަމުން އަންނަ މަދަނީ ޖަމިއްޔާ އެއް ކަމުގައެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވި ގިނަ އިންތިޚާބުތަކެއްގައި ޖަމިއްޔާއިން ވަނީ އޮބްޒާރވްކޮށް ، އިންތިޚާބީ ނިޒާމުގައި ހުރި މައްސަލަތަކުގެ މައްޗަށް ތަފާތު އެކި ދިރާސާކޮށް އެކަންކަން ރަނގަޅު ކުރުމަށް ދައުލަތާއެކު މަސައްކަތް ކޮށްފައި ކަމުގައެވެ.

ރިޔާސީ އިންތިޚާބަކަށް ތައްޔާރުވަމުން އަންނައިރު، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި، އެ ކެންޑިޑޭޓުން ތަމްސީލުކުރާ ޕާޓީތަކުގެ މެނިފެސްޓޯ ރައްޔިތުންނާ ހަމައަށް ތިލަވެ، ކުރިޔަށް އޮތް ފަސް އަހަރު ޤައުމުގެ ކަންކަން ހިންގަން ހަމަޖެހިފައި އޮތްގޮތް އެނގުމަކީ ކޮންމެހެން ބޭނުންކަމެއްކަމަށް ޖަމިއްޔާއިން ދެކޭ ކަމަށް ސިޓީގައި ބުނެފައި ވެއެވެ. މިގޮތުގެ މަތިން ކަންކަން ރައްޔިތުންނާ ހަމައަށް ސާފުކޮށްދިނުމަށް ޓްރާންސްޕޭރެންސީން ބަހުސެއް ރާވާފައިވާ ކަމަށް މިސިޓީގައި ބުނެފައި ވެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބަހުސެއް ބޭއްވުމަށް އިންތިޒާމު ކޮށްފައިވާއިރު މިއަހަރު ބަހުސް ބޭއްވުމަށް މިހާތަނަށް ދެ ފަރާތަކުން ވަނީ މަސައްކަތް ކޮށްފައެވެ. ރިޔާސީ ބަހުސް ބޭއްވުމަށް މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ( އެމް.އެން.ޔޫ) އާއި ރާއްޖެޓީވީންނެވެ. އެމް.އެން.ޔޫ އާއި ޕީއެސްއެމް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބަހުސްގައި ބައިވެރިވެ ވަޑައިނުގަތުމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު ނިންމެވިއިރު ރާއްޖެ ޓީވީން އިންތިޒާމުކުރި ބަހުސްގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ބައިވެރިވެވަޑައި ނުގަންނަވަން ވަނީ ނިންމަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް