ސިނަމާލެ ބްރިޖާއި ގުޅިގެން ތާރު އަޅާ ތަރައްޤީ ކޮށްފައިވާ މަގުތައް ނިންމާ މިރޭ ހުޅުވާލާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ހާމަކޮށްފިއެވެ. އެއޮތޯރިޓީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެ ރިންގް ރޯޑް މިރޭ 8 ޖަހާއިރު އާންމުކޮށް ހުޅުވާލާނެކަމަށެވެ.
އިއުލާނެއްގައި ބުނެފައިވަނީ، މާލޭގެ ބޮޑުތަކުރުފާނު މަގު ނުވަތަ ރިންގް ރޯޑު ރަނގަޅު ފެންވަރަކަށް ހެދުމަށް އެމަގުގެ ބޮޑު ބައެއް ބަންދުކޮށް އެމަގާއި ގުޅިފައިވާ ބައެއް މަގުތަކާއި ގޯޅިތަކުގެ ޓްރެފިކް ފްލޯއަށް މިއަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ގެނެވުނު ވަގުތީބަދަލުތައް އުވާލާ މިރޭ ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރިންގް ރޯޑު އާއްމުންނަށް މިރޭ ހުޅުވާލުމާއެކު އެމަގުގައި އުޅަނދުފަހަރު ދުއްވޭނެ ގޮތް ކަމަށް އިއުލާންގައި ބުނެފައިވަނީ:
- ކުރިއެކޭ އެއްގޮތަށް ބޮޑުތަކުރުފާނު މަގުގެ ކުރަނގި ގޯޅި އާއި ހަމައިން ފިލިގަސްމަގާ ހަމައަށް އެއްކޮޅަށް ހުޅަނގުން އިރަށް ދުއްވާގޮތަށް ހަމަޖެއްސުން
- ފިލިގަސްމަގު މިހާރެކޭ އެއްގޮތަށް އެއްކޮޅަށް އުތުރުން ދެކުނަށް ދުއްވާގޮތަށް ހަމަޖެއްސުން
- މެހެލި ގޯޅި ފިލިގަސްމަގުން ފެށިގެން ބޮޑުތަކުރުފާނު މަގާ ހަމައަށް އެއްކޮޅަށް، ފިލިގަސް މަގުން ވަދެވޭ ގޮތަށް އަދި ނަސަންދުރާ އިރުން ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ގޮތަށް ހަމަޖެއްސުން
އެސަރަހައްދުގެ މަގުތަކުގައި ޓްރެފިކް ނިޝާންތައް ހަރުކުރެވިފައި ހުންނާނެކަމަށާއި އެއާ އެއްގޮތަށް އަމަލުކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސްކުރެއެވެ. އަދި އެމަގު އަލުން ބޭނުންކުރަން ފަށާއިރު، އެމަގަކީ ހަމައެކަނި އެއްގަމު އުޅަނދު ދުއްވުމާއި ހިނގާބިނގާވެ އުޅުމަށް ހަމަޖައްސާފައިވާ މަގެއްކަމުން އިއްޒުއްދީން މަގާއި ހަމައިން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލް އާއި ދެމެދު ބޮޑުތަކުރުފާނު މަގުގެ އެއްވެސް ތަނެއްގައި އެއްގަމު އުޅަނދު ޕާކު ކުރުމަކީ މަނާކަމެއްކަމަށް ވެސް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެއެވެ.
ސިނަމާލެ ބްރިޖާއި ގުޅިގެން ހަދަން ޖެހޭ މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަކަށް ބޮޑު ތަކުރުފާނު މަގުގެ ބޮޑުބައެއް ވަނީ ތަރައްޤީ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް