ފިލްމު" ބާރަތް" އިން ޕްރިޔަންކާ ވަކިވާން ނިންމީ ޕްރިޔަންކާގެ ދިރިއުޅުމުގެ މުހިންމު އެހެން ނިންމުމަކާ ހެދިކަން އެއީ އެންމެންނަށްވެސް އިނގޭ ކަމެކެވެ. ޕްރިޔަންކާ އާއި ނިކްގެ އެންގޭޖްމެންޓް އޭގެ ފަހުން ބާއްވާފައިވާއިރު މި ދެތަރިން އަންނަނީ ކައިވެންޏަށް ތައްޔާރު ވަމުންނެވެ. ނިކް އާއި ކައިވެނި ކުރުމަށް ކަމަށްބުނެ ޕްރިޔަންކާ ވަނީ ބާރަތް އިން ވަކިވެފައެވެ. އެކަން އިއުލާނު ކޮށްފައި ވަނީވެސް ފިލްމުގެ ޑައިރެކްޓާރ އައްބާސް އެވެ.
ޕްރިޔަންކާ ފިލްމުން ވަކިވެ ފިލްމުގެ އެބައި ކުޅެން ކެޓްރީނާ ހަމަޖެހި މިހާރު ފިލްމުގެ ޝޫޓިން އަންނަނީ ކުރިޔަށެވެ. ނަމަވެސް ޕްރިޔަންކާގެ މިނިންމުމާ ސަލްމާން ޚާން ހުރީ އެހާ ހިތްހަމަ ޖެހިފައެއް ނޫނެވެ. ދާދިފަހުން ބޭއްވި ޕްރެސް ކޮންފެރެންސް އެއްގައި ވާހަކަދައްކަމުން ސަލްމާން ބުނެފައިވަނީ ޕްރިޔަންކާ ފިލްމުން ވަކިވާން ނިންމީ އޭނާގެ އަމިއްލަ ބޭނުމަކަށްޓަކައި ކަމަށާއި ނަމަވެސް އެކަން ކުރިން އެންގި ނަމަ އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރެވުނީސް ކަމުގައެވެ. ޕްރޮޖެކްޓުން ވަކިވަނީ ކީއްވެތޯ އެހުމުން ޕްރިޔަންކާ ބުނެފައިވަނީ ކައިވެނި ކުރަން ކަމަށް ސަލްމާން ބުންޏެވެ.
" މިފިލްމުގައި ޕްރިޔަންކާގެ މަސައްކަތަކީ 75 ދުވަހާއި 80 ދުވަހާ ދެމެދުގެ މަސައްކަތެއް. ކައިވެނީގެ ތައްޔާރީތަކަށް ހަތަރު ވަރަކަށް ދުވަސް، ކައިވެނިކުރަން އެހާ ދުވަސް، ދެން އެއަށްފަހު އޮންނާނީ ހަނީމޫނުތާ. އެއަށް އެހާ ބައިވަރު ދުވަހެއް ނުނަގާނެތާ. ނަމަވެސް ޕްރިޔަންކާ ވަރަށް ސާފުކޮށް ބުނީ ތިމަންނަ ބޭނުމެއް ނޫނޭ ބާރަތްގައި މަސައްކަތް ކުރާކަށް. އެ ނިންމުން ނުވާނެ ޕްރިޔަންކާއަށް ފަސޭހަ ނިންމުމަކަށް. އެއީ ޕްރިޔަންކާ ވަރަށް ބޭނުންވެފައި ހުރީ މި ފިލްމުގައި މަސައްކަތް ކުރަން. އެތައްފަހަރަކު އަހަރެންގެ ކޮއްކޮއަށްވެސް ޕްރިޔަންކާ ގުޅި ސަލްމާން އާއެކު މަސައްކަތް ކުރަން ބޭނުމޭ ކިޔާފައި. ފިލްމުގެ ޑައިރެކްޓަރ އަށް ގުޅާފައިވެސް އެވަރަށްކި ފިލްމުން ޗާންސެއްދޭން." ސަލްމާން ބުންޏެވެ.
އެހާބޮޑަށް ކުޅެން ބޭނުންވެފައި އޮތް ފިލްމެއް ޕްރިޔަންކާ ދޫކޮށްލީ ކީއްވެތޯ އެހުމުން ސަލްމާން ބުނީ ފަހަރެއްގައި ޕްރިޔަންކާ ބޮލީވުޑްގައި މަސައްކަތް ކުރަން ބޭނުންނުވަނީ ކަމަށް ވެދާނެ ކަމަށެވެ. ކޮންމެ އަކަސް ޕްރިޔަންކާ ފިލްމުން ވަކިވުމާއި އެ ބަޔަށް އެހެން ތަރިއަކު ގެނައުން އެއީ ސަލްމާނަށް ކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. އެއީ މިހާރު ބާރަތްކުޅެން އެއްބަސްވެފައިވާ ކެޓްރީނާއަކީ މިހާރުވެސް ޝާހު އާއެކު އެހެން ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުންދާ ތަރިއަކަށް ވުމުން އެ ޕްރޮޖެކްޓުގެ މަސައްކަތަށް ފުށު ނާރާގޮތަށް ކެޓްރީނާ ބާރަތްގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ޝެޑިޔުލް ރޭވުންވެސް ވަކި ފަސޭހަކަމަކަށް ނުވާތީއެވެ. ސަލްމާން ވަނީ އެކަމަށްޓަކައި ކެޓްރީނާ އާއި ޝާހު އަށް ޝުކުރު އަދާކޮށްފައެވެ.
ކޮންމެ އަކަސް ޕްރިޔަންކާ ބާރަތް އިން ވަކިވާން ނިންމި ނިންމުމާ ސަލްމާން ހުރީ ހިތް ހަމަޖެހިފައެއް ނޫނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އެފިލްމުން ޕްރިޔަންކާ ވަކިވި ހިސާބުންފެށިގެން ޕްރިޔަންކާ އާއި ސަލްމާންގެ އާއިލާ އާ ދެމެދު އޮތް ގުޅުންވެސް ވަނީ ހީނަރު ވެފައެވެ. އެހާބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަން އެއްބަސްވެ ހުރިހާ ކަމެއް ފައިނަލް ވި ހިސާބުން ޕްރިޔަންކާ ޕްރޮޖެކްޓުން ވަކިވުމަކީ ސަލްމާނަށް ހަޖަމް ކުރަން އެހާ ފަސޭހަކަމަކަށް ނުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް